މިދިޔަ މަހު ޑޮކްޓަކަށް ދައްކަން އެދުނު 1،115 ގައިދީއަކު ޑޮކްޓަރަށް ދައްކައިދީފައިވާ ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.

ކަރެކްޝަންސްއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުގައި ބުނީ މިދިޔަ މަހު ޖުމްލަ 1،155 ގައިދީއަކު ޑޮކްޓަރަށް ދެއްކި ކަމަށެވެ.

އޭގެ ތެރޭގައި ޖެނެރަލް ޑޮކްޓަރުންނަށް ދައްކަން އެދުނު 858 ގައިދީންނާއި ހާއްސަ ޑޮކްޓަރުންނަށް ދައްކަން އެދުނު 177 ގައިދީން ހިމެނެ އެވެ. ހާއްސަ ޑޮކްޓަރުންނަށް މިދިޔަ ޖެނުއަރީ މަހު އެދުނު ގައިދީންނާއެކު މިދިޔަ މަހު 297 ގައިދީއަކު ހާއްސަ ޑޮކްޓަރުންނަށް ވަނީ ދައްކައިފަ އެވެ.

މިދިޔަ މަހު އެންމެ ގިނަ ގައިދީން ޑޮކްޓަރަށް ދައްކާފައިވަނީ ލޮލުގެ މައްސަލަތަކުގަ އެވެ. އޭގެ އިތުރުން ގިނަ އަދަދެއްގެ ގައިދީން ހިތުގެ ޑޮކްޓަރުންނާއި އީއެންޓީ އަދި ހަމުގެ ޑޮކްޓަރުންނަށް ދައްކާފައިވެ އެވެ.

މިދިޔަ ޖެނުއަރީ މަހު ކަރެކްޝަންސްއިން ވަނީ ގައިދީންއަށް އަމާޒުކޮށް އައި ކޭމްޕްއެއް ބާއްވައި 88 ފަރާތެއްގެ ލޮލުގެ ޗެކަޕް ހަދައިދީ 69 ފަރާތަކަށް އައިނުވެސް ހައްދައިދީފަ އެވެ.

ގައިދީންއަށް އެކަަށީގެންވާ ސިއްހީ ފަރުވާ ނުލިބޭކަމަށް ބުނެ މިދިޔަ ސަރުކާރުގައި ގިނަ އަދަދެއްގެ މައްސަލަތަކެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހުށަހަޅާފައިވެ އެވެ.