08 Mar 2020, 21:02
ކޮވިޑް-19 ނޫނީ ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި ދެމީހުން މަސައްކަތް ކުރަމުންދިޔަ ކުރެއްދޫ ރިސޯޓަށް މީހުން އުފުލަން ބޭނުންކުރި ޓީއެމްއޭގެ ބޯޓު މިއަދު ޑިސްއިންފެކްޓުކޮށް ސާފުކޮށްފި އެވެ.
ކުރެއްދޫއަށް ފަސިންޖަރުން އުފުލަން ބޭނުންކުރީ 8Q-MAZ ޓުވިން އޮޓާ މަރުކާގެ ބޯޓެކެވެ.
ކޮވިޑް19 އަށް އެ ރިސޯޓުގައި މަސައްކަތް ކުރަމުން ދިޔަ ދެ ބިދޭސީން ޕޮޒިޓިވް ވީ، އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އިޓަލީއަށް ދިޔަ ފަތުރުވެރިޔަކު ވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައިވާކަން އަންގާފައި ވަނިކޮށެވެ.
އެއާއެކު ކަމާބެހޭ ފަރާތްތަކުން އަންނަނީ އެ ފަތުރުވެރިޔާއާ ކޮންޓެކްޓުވި ފަރާތްތައް ހޯދައި ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކުރެއްދޫއަށް މީހުން އުފުލަން ބޭނުންކުރި ބޯޓު -- ފޮޓޯ/ އޭވިއޭޓާޒް މޯލްޑިވްސް
އެ މަސައްކަތް މުޅިން ނިމެންދެން ކުރެއްދޫ ރިސޯޓު އޮތީ އެލާޓް ލެވެލް އޮރެންޖަށް މަތިކޮށް، މީހުން އަރާ ފޭބުން މަނާކޮށްފައެވެ.
އަދި މިދިޔަ 15 ދުވަސް ތެރޭ އެ ރިސޯޓުން ފޭބި ފަތުރުވެރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ވެސް އެ ރިސޯޓުން ވަނީ އަންގައިފައެވެ.
ކުރެއްދޫ އައިލެންޑް ރިސޯޓުން ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ސަމާލުވާން އަންގާފައިވަނީ ފެބްރުއަރީ 23 އިން މާޗް 6 އާ ދެމެދު އެ ރިސޯޓުން ފޭބި ފަތުރުވެރިންގެ ތެރެއިން ކޮރޯނާއާ ގުޅުންހުރި އަލާމާތްތައް އެބައެއްގެ ގައިން ފެންނަ މީހުންނަށެވެ.
މިގޮތުން ފާހަގަކުރި އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ކެއްސުން، ނޭވާ ކުރުވުން، ނޭވާލާން އުނދަގޫތަކެއް ކުރިމަތިވުން ހިމެނެ އެވެ.
މީގެ ތެރެއިން އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ވީ އެންމެ އަވަހަކަށް ކަމާބެހޭ ފަރާތްތަކަށް އަންގަން ވެސް ކުރެއްދޫއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިވަގުތު އެ ރިސޯޓުގައި ޖުމުލަ 699 ފަތުރުވެރިން ތިބިއިރު، ރިސޯޓުގެ ދިވެހި މުވައްޒަފުންނާއި ކޮންސްޓްރަކްޝަން މަސައްކަތްތަކަށް އެރަށަށް ގޮސްތިބި ބިދޭސީ މަސައްކަތްތެރިންގެ އަދަދު 628 އަށް އަރާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.