09 Mar 2020, 08:30
ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަލްމާން ޙާން އާއި ދިޝާ އެކުގައި ފެނިގެންދާނެ ދެވަނަ ފިލްމު "ރާދޭ: ޔޫއާ މޯސްޓް ވޯންޓެޑް ބޯއީ" ގެ ޝޫޓިން ކޮވިޑް-19 އާއި ގުޅިގެން ކެންސަލްކޮށްފިއެވެ.
ހަބަރުތަކުން ބުނާ ގޮތުގައި ކެންސަލް ކޮށްފައިވަނީ އަޒަރުބައިޖާންގައި ނަގަން ނިންމާފައިވާ މަންޒަރުތަކެވެ. އަދި ފިލްމުގެ ބައެއް ކްރޫއިން އަޒަރުބައިޖާން ބަކޫ އަށް ގޮސްފައިވުމުން އެނބުރި އައުމަށް އަންގާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ކުރިން ފިލްމުގެ ޝޫޓިން އަށް ބަކޫ އަށް ސަލްމާން އާއި ދިޝާ ދިޔުމަށް ހަމަޖެހިފައި އޮތީ ދުބާއީ ނުވަތަ ދޯހާ މަގުންނެވެ.
ކޮވިޑް-19 ގެ ސަބަބުން ބަކޫ އަށް ދަތުރު ކުރުން އެހާ ރައްކާތެރިކަމަށް ނުފެންނާތީ ޝޫޓިން ކެންސަލްކޮށް "ރާދޭ" ގެ އެ މަންޒަރުތައް އެހެން ތަނެއްގައި ނެގުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތަކުގައި ވެއެވެ.
ސަލްމާން ހާން ފިލްމްސް އިން އުފައްދާ "ރާދޭ" ގެ ޑައިރެކްޓަރަކީ ޕްރަބޫ ދޭވާ އެވެ. ސަލްމާން އާއި ދިޝާ މީގެ ކުރިން "ބާރަތު" ގައި އެކުގައި ފެނިގެން ދިޔައިރު އެ ދެ ފަންނާނުންނާއި އެކު "ރާދޭ" ގައި ދެން ފެންނާނީ ރަންދީފް ހޫޖާ އާއި ޖެކީ ޝްރޯފް އަދި ގޯވިންދް ފަދަ ތަރިންނެވެ.
ފިލްމުގެ ޓީމުން އިއުލާނުކޮށްފައިވާ ގޮތުން ފިލްމުގެ ހުރިހާ މަސައްކަތެއް ނިމި ބެލުންތެރިންނާ ހަމަޔަށް މި އަހަރުގެ އީދާ ދިމާކޮށް މެއި މަހުގެ ތެރޭގައެވެ.