08 Mar 2020, 18:43
ކޮވިޑް19 އާ ގުޅޭގޮތުން ދޮގު ހަބަރު ފަތުރާ މީޑިއާތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިފިއެވެ.
ކޮވިޑް19 އާ ގުޅޭ ހަބަރާއި މައުލޫމާތު މީޑިއާތަކުން ފެތުރުމާ ގުޅޭގޮތުން އެމްއެމްސީން މިއަދު ވަނީ ކުއްލި ޖަލްސާއެއް ބާއްވައިފައެވެ.
އެ ބައްދަލުވުމުގައި މުހިންމު ނިންމުންތަކެއް ވަނީ ނިންމައިފައެވެ. އެގޮތުން މި ދަނޑިވަޅުގައި ރާއްޖޭގެ މީޑިއާތަކުން ހަބަރާ މައުލޫމާތު ފެތުރުމުގައި އަމަލުކުރަމުންދާ ގޮތް ވިލަރެސް ކުރުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލަން ވަނީ ނިންމައިފައެވެ.
މީޑިއާ ކައުންސިލުން ބުނީ މީޑިއާތަކުގައި ޝާއިއުކުރާ ކޮންޓެންޓަކީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ހާލަތާ އެކަށީގެންވާ ކޮންޓެންޓެއް ކަމުގައިނުވާނަމަ، އެކޮންޓެންޓަކާ ގުޅޭގޮތުން އެ ކައުންސިލުން އެ މީޑިއާއަކާ މުއާމަލާތު ކުރާނެ ކަމަށެވެ.
އަދި ކައުންސިލުން އަންގާ އެންގުންތަކާ އެއްގޮތަށް އަމަލުނުކުރާ މީޑިއާތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށާއި، ބައްޔާ ގުޅޭގޮތުން ދޮގު ހަބަރު ފަތުރާ މީޑިއާތަކާ މެދުވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ހަމައެއާއެކު ރަޖިސްޓްރީނުކޮށް ހިންގާ މީޑިއާތަކަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަން ވެސް މިއަދުގެ ޖަލްސާގައި ވަނީ ނިންމައިފައެވެ.
އެމްއެމްސީން ބުނީ މީޑިއާތަކުން ހަބަރާއި މައުލޫމާތު ގެނެސްދިނުމުގައި ރައްޔިތުންގެ މެދުގައި ޝައްކާއި ބިރުވެރިކަން އުފެދޭގޮތަށް، ހަގީގަތާ ހިލާފު ދޮގު ހަބަރާއި މައުލޫމާތު ގެނެސް ނުދިނުމަށާއި، މައުލޫމާތު އާންމުކުރުމުގައި ސައްހަ ތެދު މައުލޫމާތު ގެނެސްދިނުމަށް މި އިލްތިމާސް ކުރާކަމަށެވެ.
ވައިރަހާ ގުޅޭގޮތުން ސިއްހީ މައުލޫމާތު ފެތުރުމުގައި އޭގެ ސައްހަ މައުލޫމާތު ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރުކުރުމަށާއި ސިއްހީ މައުލޫމާތު ހަވާލާދޭ މަސްދަރުތަކަކީ ބައިނަލްއަގުވާމީ ސިއްހީ އިދާރާތަކުގެ މިންގަނޑުތަކާ އެއްގޮތަށް ޝާއިއުކޮށްފައިވާ މައުލޫމާތެއްކަން ކަށަވަރު ކުރުމަކީ ނޫސްވެރިންގެ ފަރުދީ އަދި ޕްރޮފެޝަނަލް ޒިންމާއެއްކަން އެމްއެމްސީން ވަނީ ހަނދާކޮށްދީފައެވެ.