ބާސެލޯނާ އާއި ރެއާލް މެޑްރިޑް މިރޭ ބައްދަލުކުރާ މެޗުން ބާސާ މޮޅުވުމަށް އެކުލަބުގެ ކުރީގެ ޑިފެންޑަރު ގެބްރިއަލް މިލިޓޯ ގޮވާލައިފި އެވެ.

ސްޕެނިޝް ލަލީގާ ގައި މިރޭ ކުޅޭ މެޗަށް ނުކުންނަ އިރު ބާސެލޯނާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ނުކުންނާނީ ތިން ޕޮއިންޓްގެ ފައިދާ އަކާއި އެކު އެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ސްޕެއިން ލީގު ކާމިޔާބު ކުރި ބާސާ އިން ވެސް ނުކުންނާނީ މޮޅުވެ ރެއާލް އާއި ޕޮއިންޓްގެ ގޮތުން ހަމަހަމަ ކުރުމަށެވެ. އަނެއް ކޮޅުން ރެއާލް އިން ބަލާނީ އެއްވަނައިގައި އޮވެ ފަރަގު ބޮޑު ކުރެވޭތޯ އެވެ.

"މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ރެއާލް އަތުން ބާސާ މޮޅު ވާނެ ކަމަށް އުންމީދު ކުރަން. ރެއާލް އަކީ ބާސާ އަށް އެންމެ ބޮޑު އުނދަގުލެއް ކުރިމަތި ކުރެވޭނެ ޓީމަކީ. ނަމަވެސް އަހަރެންނަށް ފެންނަނީ އަބަދުވެސް ބާސާ މޮޅުވާތަން. ބާސާ އާއި ރެއާލް އިން ވެސް ކުޅެނީ މުޅިން ތަފާތު ގޮތަކަށް. ރެއާލް ބަލިކުރުމަށް ކުރީގެ ކުލަބުގެ ކުޅުންތެރިންނަށް އަހަރެން ގޮވާލަން." މިލިޓޯ ބުންޏެވެ.

ބާސާ އާއި ރެއާލް ބައްދަލުކުރާ މެޗުގައި އެންމެ ފާހަގަ ކުރެވޭނީ ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ހަރަކާތްތަކެވެ. ރޮނާލްޑޯ އަކީ މޮޅު ކުޅުންތެރިއެއް ކަމަށް ވިޔަސް މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް މިލިޓޯ ބުނެފައި ވެ އެވެ.

"ރޮނާލްޑޯ އަކީ މޮޅު ކުޅުންތެރިއެއް. އެކަމަކު މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާ. ގާޑިއޯލާ އަކީ އަހަރެން ދުށް އެންމެ މޮޅު ކޯޗު. ބާސާގެ ކާމިޔާބުގެ ބޮޑު ބައެއްގެ ހިއްސާ އެއް އޮތީ ގާޑިއޯލާގެ އަތްމަތީގައި." މިލިޓޯ ބުންޏެވެ.
ސްޕެނިޝް ލަލީގާ ގައި ބާސެލޯނާ އާއި ދެކޮޅަށް ރެއާލް މެޑްރިޑްގެ އަމިއްލަ ދަނޑުގައި ކުޅޭ މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 2:00 ގައެވެ.