08 Mar 2020, 17:06
ދުނިޔޭގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން މިހާތަނަށް 125،827 ބުކިންގްސް ކެންސަލް ވެފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީވަހީދު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީވަހީދު ވިދާޅުވީ ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރު ކުރާނެ ކަމަށާއި އެކަމަށް ސަރުކާރުން ތައްޔާރުވަމުން ގޮސްފައިވާ ކަމަށެވެ.
"ޖެނުއަރީ 26 ފެށިގެން މިހާތަނަށް ޖުލްމަ 125،827 ކެންސަލޭޝަން އެބަހުރި. އެހެނަމަވެސް ބެޑް ނައިޓްސްއަށް ބަލާއިރު 303،223 ނިއު ބުކިންގްސް ވެސް ލިބިފައިވޭ. އެހެންވީމާ ރާއްޖޭގެ ޓޫރިޒަމަށް މީގެއިން އަންނާނެ ލޮޅުންތަކަށް ބަލާއިރު އަޅުގަނޑުމެންނަށް މީގައި ހިފަހައްޓައިގެން ތިބެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ޖެނުއަރީމަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ނަމަވެސް އެގައުމުން ރާއްޖެ އަންނަ ފަތުރުވެރިން ގެނައުން މަޑުޖައްސާލާފައިވާއިރު މިދިޔަ ފެބްރުއަރީމަހު އެންމެ ގިނައިން ފަތުރުވެރިން އައި އިޓަލީ އިން ފަތުރުވެރިން ގެނައުންވެސް ރެއިން ފެށިގެން ވަނީ މަޑުޖައްސާލައިފައެވެ.
"އަންނާނެ ފަތުރުވެރިކަމަށް ލޮޅުމެއް. އެހެންނަމަވެސް މި ދަނޑިވަޅުގައި މި ލޮޅުމުން އަރައިގަތުމަށް ސަރުކާރުން މަސައްކަތް ކުރާނެ. އޭގެ ތެރޭގައި ތަފާތު އިތުރު ޑެސްޓިނޭޝަންތަކުން ޑައިރެކްޓް ފްލައިޓުތަކުގައި ފަތުރުވެރިން ގެނައުމާއި، ރާއްޖޭގެ އިގްތިސޯދު ކުރިއަށް ހިންގަން ކުރަން ހުރި ކަންތައް އަޅުގަނޑުމެން ކުރާނެ،"
މިނިސްޓަރު އަލީ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އޮތީ މި ބަލި އަތުވެދާނެ ކަމަށް ތައްޔާރުވެފައި ކަމަށެވެ.
"ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޑް 19 ވައިރަސް ފެތުރެން ފެށުމުން އަޅުގަނޑުމެން މިކަމުގެ ބެކްއަޕް އަށް ތައްޔާރު ވީމޭ. ހަމައެކަނި ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބައި މިލިއަން (500،000) މާސްކް ސްޓޯކުރެވިފައި އެބަހުރި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ 37،138 މީހުން ފަތުރުވެެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ ކަމަށާއި އޭގެ ތެރެއިން 17،609 މީހުންނަކީ ދިވެހިން ކަމަށެވެ. އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާ ގުޅިގެން މިކަމަށް ތައްޔާރުވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ރާއްޖޭގެ މުޅި އިގްތިސޯދުގެ ބޮޑު ބަޔެއް ބައްޓަންވެފައި އޮންނަނީ ޓޫރިޒަމަށް. ޓޫރިޒަމް ކުރިއަށް ގެންދިޔުން އެއީ ރާއްޖޭގެ އާންމު ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ ކަމެއް. އެހެންވީމާ މި ދަނޑިވަޅުގައި އިންޑަސްޓްރީގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އިލްތިމާސް ކުރަން މައުލޫމާތު ހިއްސާކުރުމުގައި ފަހަތަށް ނުޖެހުމަށް،" ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.