10 Dec 2011, 17:17
ރެއާލް މެޑްރިޑްގެ ކުޅުން އިތުރަށް ރަނގަޅު ކުރެވިދާނެ ކަމަށް އެކުލަބުގެ ބްރެޒިލް މިޑްފީލްޑަރު ކަކާ ބުނެފި އެވެ. މިސީޒަން ފެށުނީއްސުރެ ރެއާލް އިން ދަނީ މޮޅު ކުޅުމެއް ދައްކަމުން ނެވެ.
މިސީޒަންގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ހުރިހާ މެޗަކުން މޮޅުވި ހަމައެކަނި ކުލަބަކީ ރެއާލް އެވެ. ރެއާލް ވަނީ ޗެމްޕިއަންސް ލީގުގެ އިތުރުން ސްޕެނިޝް ލަލީގާގައި ވެސް މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން މިވަގުތު ލީގުގެ އެއްވަނަ މަގާމުގައި އޮތީ ވެސް ރެއާލް އެވެ.
"މިހާރު ވެސް ޓީމުން ވަރަށް މޮޅު ކުޅުމެއް ދައްކާ. އަދިވެސް މިއަށްވުރެ މޮޅު ކުޅުމެއް ޓީމަށް ދެއްކިދާނެ. އަހަރެމެން މި ފެންވަރުގައި ކުޅެމުން ދިއުމަށް މުހިންމުކަން ދޭން ޖެހޭނެ." ކަކާ ބުންޏެވެ.
ބާސެލޯނާ އާއި ދެކޮޅަށް މިރޭ ނުކުންނަ މެޗަކީ މުހިންމު މެޗަކަށް ވިޔަސް އެމެޗުގެ އިތުރު ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށް ކަކާ ބުނެފައި ވެ އެވެ.
ެ"އަހަރެމެން ވިސްނަމުން މިދަނީ ކްލެސިކޯ މެޗާއި ދޭތެރޭ. އެކަމަކު އެމެޗާއި ދޭތެރޭ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން. ހަމަ ޔަގީނުން ވެސް މިމެޗަކީ ވަރަށް މުހިންމު މެޗެއް. ނަމަވެސް މިއީ އެމެޗާއި ދޭތެރޭ ވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތެއް ނޫން." ކަކާ ބުންޏެވެ.
ސްޕެނިޝް ލަލީގާގައި ބާސެލޯނާ އާއި ދެކޮޅަށް ރެއާލް މެޑްރިޑްގެ އަމިއްލަ ދަނޑުގައި ކުޅޭ މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 2:00 ގަ އެވެ.