ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވުމާއެކު މިދިޔަ 15 ދުވަސް ތެރޭ އެ ރިސޯޓުން ފޭބި ފަތުރުވެރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ގޮވާލައިފި އެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓުން ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ސަމާލުވާން އަންގާފައިވަނީ ފެބްރުއަރީ 23 އިން މާޗް 6 އާ ދެމެދު އެ ރިސޯޓުން ފޭބި ފަތުރުވެރިންގެ ތެރެއިން ކޮރޯނާއާ ގުޅުންހުރި އަލާމާތްތައް އެބައެއްގެ ގައިން ފެންނަ މީހުންނަށެވެ.

މިގޮތުން ފާހަގަކުރި އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ކެއްސުން، ނޭވާ ކުރުވުން، ނޭވާލާން އުނދަގޫތަކެއް ކުރިމަތިވުން ހިމެނެ އެވެ.

މީގެ ތެރެއިން އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ވީ އެންމެ އަވަހަކަށް ކަމާބެހޭ ފަރާތްތަކަށް އަންގަން ވެސް ކުރެއްދޫއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަލާމާތްތައް ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތާ ބެހޭ އިތުރު މައުލޫމާތު ހިމެނޭ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ވެބްސައިޓުގެލިންކެއްވެސް އެ ޕޯސްޓުގައި ހިމަނާފައިވެ އެވެ.

މިވަގުތު އެ ރިސޯޓުގައި ޖުމުލަ 699 ފަތުރުވެރިން ތިބިއިރު، ރިސޯޓުގެ ދިވެހި މުވައްޒަފުންނާއި ކޮންސްޓްރަކްޝަން މަސައްކަތްތަކަށް އެރަށަށް ގޮސްތިބި ބިދޭސީ މަސައްކަތްތެރިންގެ އަދަދު 628 އަށް އަރާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެއިން ކޮރޯނާއަށް ޕޮޒިޓިވްވި ދެމީހުން ކުރެއްދޫ އިން ފެނުމާއެކު އެ ރިސޯޓުގެ ލެވެލް ވަނީ އޮރެންޖަށް މަތިކޮށްފަ އެވެ. ކުރެއްދޫ އައިލެންޑް ރިސޯޓުން ބަލި ފެނިފައި ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިއަކު އެނބުރި ގައުމަށް ދިޔަ ފަހުން ބައްޔަށް ޕޮޒިޓިވްވިކަން އަންގާފައިވަނިކޮށެވެ.

އެ ރިސޯޓަށް އަރައިފޭބުން މަނާކޮށްފައި އޮތް ނަމަވެސް، އެ ރިސޯޓްގެ ހުރިހާ ކަމެއް އޮތީ އަންޑަ ކޮންޓްރޯލްގައި ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.