10 Dec 2011, 17:14
ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގަބޫލުކުރާ ކަމަށް ސަންޓޯސް ގެ ބްރެޒިލް ފޯވާޑް ނޭމާ ބުނެފި އެވެ.
ބްރެޒިލްގެ ކުރީގެ ތަރި ޕެލޭ ފާހަގަކުރާ ގޮތުގައި ނޭމާ އަކީ މެސީ އަށް ވުރެ މޮޅު ކުޅުންތެރިއެކެވެ. އަދި ނޭމާ ގެ ހުނަރުތައް ވެސް މެސީ އަށް ވުރެ ވެސް މޮޅު ކަމަށް ޕެލޭ ފާހަގަކުރެ އެވެ. ދާދި ފަހުން ޕެލޭ ވަނީ މެސީ އަށް ފާޑު ކިޔާ އޭނާ އަކީ މެސީ އަށް ވުރެ ވެސް މޮޅަށް ކުޅެފައިވާ ކުޅުންތެރިއެއް ކަމަށް ބުނެފަ އެވެ.
"މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަން އަހަރެން ގަބޫލުކުރަން. ޕެލޭ އާއި އަހަރެންނާއި ދެމެދު ހުރި ތަފާތުތަކާއި އެއްގޮތް ކަންކަން ފާހަގަ ކުރަމުން ދިއުމަކީ އަހަރެންގެ ލިބޭ ބޮޑު ޝަރަފެއް. ޕެލޭ އަކީ ފުޓުބޯޅައިގެ ރަސްގެފާނު. އަހަރެންނަށް ހިޔެއް ނުވޭ ޕެލޭ އާއި އެއްވަރަށް ކުޅެވިދާނެ ހެނެއް." ނޭމާ ބުންޏެވެ.
ބާސެލޯނާ އާއި ސަންޓޯސް އަކީ ވެސް ކުލަބް ވޯލްޑް ކަޕް ގެ ސެމީ ފައިނަލާއި ހަމައަށް ދަތުރު ކޮށްފައިވާ ދެޓީމެވެ. ސެމީ ފައިނަލުގައި ސަންޓޯސް ކުޅެން ޖެހޭނީ ކަޝިވާ ރޭސޮލް ނޫނީ މޮންޓެރޭ އާއި ދެކޮޅަށެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހު 14 ވަނަ ދުވަހު އެވެ.