08 Mar 2020, 13:59
މިދިޔަ ފެބްރުއަރީ މަހު އެންމެ ގިނައިން ހުކުމްކޮށްގެން މީހުން ޖަލަށް ގެނެސްފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.
ކަރެކްޝަންސްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފެބްރުއަރީ މަހު ޖުމުލަ 68 މީހަކު ކަރެކްޝަންސްގެ ޖަލުތަކަށް ވަނީ ގެންގޮސްފަ އެވެ.
އޭގެ ތެރެއިން 52 މީހުންނަކީ ހުކުމް ތަންފީޒު ކުރަން ގެންދިޔަ މީހުންނެވެ. ބާކީ 16 މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ގެންދިޔަ މީހުންނެވެ.
މިދިޔަ މަހު ހުކުމްކޮށްފައި ވަނީ މައިގަނޑު ނުވަ ބާވަތެއްގެ މައްސަލަތަކުގަ އެވެ. އެ މައްސަލަތަކުގައި މީހުން ހުކުމްކުރި ނިސްބަތްތަކަކީ:
މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް: 59.6 ޕަސެންޓު
- ވައްކަމާއި ފޭރުން: 15.4 ޕަސެންޓު
- ހަތިޔާރު ގެންގުޅުން/ މާރާމާރީ: 7.7 ޕަސެންޓު
- ވަނުން މަނާ ތަންތަނަށް ވަނުން (ޓްރެސްޕާސިން) 5.8 ޕަސެންޓު
- ދަރިންނަށް ހަރަދު ނުކޮށްގެން: 3.8 ޕަސެންޓު
- މަކަރާއި ހީލަތް ހެދުން/ ކޮރަޕްޝަން: 1.9 ޕަސެންޓު
- މަރުގެ މައްސަލަތައް: 1.9 ޕަސެންޓު
- ބަންދުން ފިލުން: 1.9 ޕަސެންޓު
- ނުކިޔަމަންތެރިވުން: 1.9 ޕަސެންޓު
ފެބްރުއަރީ މަހު ހުކުމްކުރި މީހުންގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ގިނަ މީހުން ހުކުމްކުރި އިރު، މަސްތުވާތަކެތީގެ މައްސަލަތަކަކީ މި އަހަރުގެ މިހާތަނަށް ފުލުހުންނަށް ތިންވަނައަށް އެންމެ ގިނައިން ހުށަހެޅި މައްސަލަތަކެވެ.
އެގޮތުން މަސްތުވާތަކެތީގެ 293 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާއިރު، މި ބާވަތުގެ މައްސަލަތަކަށް ވުރެ ގިނައީ ވައްކަމާއި ޓްރެފިކް އެކްސިޑެންޓްތަކެވެ.
މިއަހަރުގެ މިހާތަނަށް ވައްކަމުގެ 824 މައްސަލައަކާއި ޓްރެފިކް އެކްސިޑެންޓާ ގުޅުންހުރި 391 މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ.