08 Mar 2020, 13:27
މެލޭޝިއާގައި ކޮރޯނާ ވައިރަސް ބާރަށް ފެތުރެމުންދާތީ، އެގައުމުގައި ދިރިއުޅޭ ދިވެހިން އެކަމަށް ސަމާލުވުމަށް މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.
މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ނެރުނު ދެންނެވުމެއްގައި ވަނީ ކޮވިޑް 19 ގެ އަލާމާތްތައް ފެންނަ ނަމަ ނުވަތަ ޝައްކުވާނަމަ އެކަމާ ގުޅިގެން ގާއިމްކޮށްފައިވާ ސެންޓަރަށް ގުޅަން އެދޭކަމަށެވެ.
އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށާއި ކޮންމެހެން ދާންޖެހިގެން ނޫނީ ސިއްހީ ހިދުމަތްދޭ ތަންތަނަށް ނުދިޔުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ދޫނިސޫފާސޫތްޕާއި ޖަނަވާރު ގެންގުޅެ، ވިއްކާ ތަންތަނަށް ނުދިޔުމަށާއި އެއްގަމު މަހާއި ބިސް ފަދަ ތަކެތި ރަނގަޅަށް ރޯފިލުވައިގެން ކެއުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
މެލޭޝިއާގައި ދިރިއުޅޭ ދިވެހިން ހައިކޮމިޝަނުގައި ރެޖިސްޓްރީވުމަށްވެސް ހައިކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ބަލީގެ އަލާމާތެއް ހުންނަކަމަށް ޝައްކުވާނަމަ، ނުވަތަ އެޑްމިޓްވާނަމަ ނުވަތަ ބައްޔަށް ސްކްރީނުކޮށް ހޯމް ސާވިއަލެންސް ގައި ހުރުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ އެކަން ލަސްނުކޮށް ހައިކޮމިޝަނަށް އެންގުމަށްވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.
ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިއާގައި ހަލުވި ކަމާއެކު ކޮވިޑް 19 ނުވަތަ ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު އެ ގައުމުން މިހާތަނަށް 93 މީހަކަށް މިބަލި ވަނީ ޖެހިފަ އެވެ.