08 Mar 2020, 13:09
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގަށް، ރައީސް އަބްދުﷲ ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރަން މިއަދު ހަމަޖެއްސި ނަމަވެސް އެންމެ ފަހުވަގުތު އެކަން ކެންސަލްކޮށްފި އެވެ.
ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރު ނުކުރީ ކީއްވެ ކަމެއް ފުލުހުން ނުބުނެ އެވެ. ޔާމީން ފުލުހަށް ހާޒިރު ކުރަން އޮތީ މިއަދު މެންދުރު 1:00 އަށެވެ.
ރާއްޖެއިން ކޮރޯނާ ވައިރަހުގެ ދެ ކޭހެއް ފެނިފައިވާ ދަނޑިވަޅުގައި ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރު ކުރާތީ، އެމަނިކުފާނު ނިސްބަތްވާ ޕާޓީ ޕީޕީއެމުންނާއި ވަކީލުންގެ ޓީމުން ވަނީ ސަރުކާރަށް ފާޑުކިޔައިފަ އެވެ. އަދި މިވަގުތު، ރައީސް ޔާމީން ގެއަށް ބަދަލުކޮށް ދިނުމަށް އެ ފަރާތްތަކުން ގޮވާލާފައިވެ އެވެ.
މީގެ ކުރިން ވެސް ރައީސް ޔާމީން ތަހުގީގަށް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ. މަނީލޯންޑްރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ހުންނެވީ، ފަސް އަހަރުގެ ޖަލު ހުކުމެއްގަ އެވެ.