މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް -19 އާ ގުޅިގެން ކުދި އަދި މެދު ފަންތީގެ ގައުމުތަކަށް އެހީވުމުގެ ގޮތުން ޗައިނާ އިން 20 މިލިއަން ޑޮލަރުގެ އެހީދޭން ނިންމައިފި އެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭންގް ލީޖޮންގް މިއަދު ކުރެެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ފައިސާ ހަދިޔާ ކުރާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ މެދުވެރިކޮށް ކަމަށެވެ.

ސަފީރު އިތުރަށް ވިދާޅުވީ އިރާގުގައި މިހާރު ކޮވިޑް-19 ފެތުރެމުންދާތީ އެގައުމަށް ޗައިނާގެ މެޑިކަލް އެކްސްޕާޓުންނާއި މެޑިކަލް ކިޓްއާއި އެހެނިހެން ސާމަނު މިހާރު ފޮނުވާފައިވާ ކަމަށެވެ.

ޗައިނާއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 80،695 ކޭސް ފެނުނުއިރު 3097 މީހުން ވަނީ މަރުވެފަ އެވެ. ނަމަވެސް އެ ބަލި ކޮންޓްރޯލް ކުރުމަށް ޗައިނާ އިން އެޅި ފިޔަވަޅުތަކާ އެކު ބަލި ޖެހޭ މީހުން މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.

ކޮވިޑް-19 ފެތުރެން ފެށީ ޗައިނާ ވުހާންއިން އެވެ. އިއްޔެ އެ ސިޓީން ބަލި ފެނުނީ އެންމެ 41 މީހުންގެ ގައިންނެވެ. އެހެންކަމުން ބަލި އެއްކޮށް ވަރަށް އަވަހަށް ކޮންޓްރޯލް ކުރެވޭނެކަމަށް ޗައިނާ އިން ބުނެ އެވެ.

ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު މިހާރު ލައްކައަކަށް ވުރެ ވަނީ އިތުރުވެފަ އެވެެ. އެންމެ ގިނައިން ބަލި ފެތުރެމުންދާ ގައުމުތަކުގެ ތެރޭގައި ޗައިނާ، އީރާން، އިޓާލީ ދެކުނު ކޮރެއާ އަދި ޖަރުމަނުވިލާތް ހިމެނެ އެވެ.