ބްރޫނާއީއިން ރާއްޖެއަށް ދޭ ސްކޮލާޝިޕްތައް އިތުރުކުރުމަށް އެގައުމުން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެގޮތަށް މިކަން ނިންމާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބްރޫނާއީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ބޭއްވެވި ބައްދަލުވުންތަކުގައި، އެކަމަށް އެމަނިކުފާނު އެދިވަޑައިގަތުމުންނެވެ.

މިނިސްޓަރު ޝާހިދު ވަނީ މި ދަތުރުފުޅުގައި ބްރޫނާއީގެ ރަސްގެފާނު ހަސަނުލް ބޮލްކިއާ އާއި އެގައުމުގެ ސެކަންޑް ފޮރިން މިނިސްޓަރު އަދި އެޑިއުކޭޝަން މިނިސްޓަރު ޑާޓޯ ހަމްޒާއާވެސް ބައްދަލުކުރައްވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިހާރުވެސް ކޮންމެ އަހަރަކު ފަސް ސްކޮލާޝިޕް އެގައުމުންގެ ފަރާތުން ރާއްޖެއަށް އަންނަނީ ދެމުންނެވެ. އެކަމަށްޓަކައި އަބްދުﷲ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ބައްދަލުވުންތަކުގައި ސްޕެޝަލް އެޑިއުކޭޝަންގެ ދާއިރާއިންނާއި އެހެނިހެން ދާއިރާތަކުން ސްކޮލަޝިޕްގެ އިތުރު ފުރުސަތުތައް ރާއްޖެއަށް ހޯދުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރިން ބުނީ، ޝާހިދު އެދިވަޑައިގެންނެވި ފަދައިން ރާއްޖެއަށް ދޭ ސްކޮލާޝިޕްތައް އިތުރުކޮށްދެއްވާނެކަމުގެ ޔަގީންކަން ބްރޫނާއީ ސަރުކާރުން ދީފައިވާކަމަށެވެ.

ނަވާރަސަތޭކަނުވަދިހަ ވަނަ އަހަރުގެ ފަހުން ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބްރޫނާއީއަށް ޒިޔާރަތްކުރައްވާފައެއް ނުވެއެވެ. ޝާހިދު ފާހަގަ ކުރެއްވި ގޮތުގައި، މިއީ ރާއްޖެ-ބްރޫނާއީ ގުޅުމުގެ އާ ބާބެއްގެ ފެށުން ކަމަށެވެ.

ރާއްޖެއާއި ބުރޫނާއި ދެމެދު ސިޔާސީ ގުޅުން ގައިމު ކުރީ މާޗު 31، 1984 ގައެވެ.