10 Dec 2011, 17:10
ކުށުގެ ތުހުމަތުގައި ބަންދުކުރާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ ގަވާއިދު އެކުލަވައިލުމަށް ގުޅުން ހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި ބައްދަލުވުންތައް ނިންމާލައިފި އެވެ.
މިއަދުގެ ބައްދަލުވުމުގައި އޮތީ މިދިޔަ ހަފުތާގެ ބައްދަލުވުމުގައި ޚިޔާލު ނުހޯދި ހުރި ގަވައިދުގެ މާއްދާތަކަށް ބައިވެރިންގެ ޚިޔާލު ހޯދުމެވެ.
ދިވެހި ބަސް ނުދަންނަ ބޭރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމާ އިރު ތަރުޖަމާނަކާއެކީ ޝަރީއަތުގެ މަޖިލީސް ކުރިޔަށް ގެންދިޔުމަށް ގާނޫނީ ވަކީލު އަލީ ޝާހު ވަނީ ގަވާއިދަށް އިސްލާހު ހުށަހަޅުއްވާފަ އެވެ. އެ އިސްލާހަށް ހުރިހާ ބައިވެރިން ވަނީ ތާއީދުކޮށްފަ އެވެ.
ޝާހު ވިދާޅުވީ މައްސަލަ ރައްދުވާ ފަރާތަށް ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ނުދީ ހަމައެކަނި ފުލުހުން ޝަރީއަތުގައި ދައްކާ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ބަންދާ މެދު ގޮތް ނިންމުމަކީ އަދުލު އިންސާފުން ނިންމޭ ނިންމުމެއް ކަމަށް ނުވާނެ ކަމަށެވެ.
ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ދަށު ކޯޓު މަރުހަލާ އިން ދޫކޮށްލުމުން އެމީހުން ބަންދުގައި ބައިތިއްބައިގެން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ފުލުހުންނަށް އޮންނަންވާނެ ކަމަށް ފުލުހުންގެ ފަރާތުން ވަނީ އިސްލާހު ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެ އިސްލާހަށް ބައިވެރިންގެ ތާއީދެއް ނުލިބުނެވެ. ބައްދަލުވުމުގެ ބައިވެރިން ބުނީ އެފަދަ ގޮތަކަށް ބަންދުކުރުމަކީ ގާނޫނު އަސާސީ އާ ޚިލާފު ކަމެއް ކަމަށެވެ.
މީގެ އިތުރުން ކުށުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމުގައި އެމީހެއްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދުމުގެ ފުރުސަތު ފުލުހުންނަށް އޮންނަން ވާނެ ކަމަށް ފުލުހުންގެ ފަރާތުން އިސްލާހު ހުށަހެޅި އެވެ. ނަމަވެސް ބައިވެރިން ބުނީ މިހާރު އޮންނަ ގޮތަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އަމުރަކަށް އެދޭ ގޮތަށް އޮންނަ އޮތުމަކީ އެންމެ އަދުލުވެރި ގޮތް ކަމަށެވެ.
ގާނޫނީ ވަކީލު ޝާހު ވިދާޅުވީ އެފަދަ އަމުރަކަށް އެދުމުގެ ފުރުސަތު ފުލުހުންނަށް ދީފި ނަމަ ސިޔާސީ ގޮތުން ވަކިބަޔަކު ހައްޔަރުކޮށްފައި ބޭތިއްބުމަށް ފުލުހުން މަސައްކަތް ކޮށްފާނެ ކަމަށް ބެލެވޭ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ އަލީ އާދަމް މިއަދު ވިދާޅުވީ ގަވާއިދުގެ ހުރިހާ މާއްދާތަކަށް ގާނޫނީ ވަކީލުންނާއި ފުލުހުންނާއި އަދި ކަމާ ގުޅުން ހުރި ދައުލަތުގެ އެހެން މުއައްސަސާތަކުގެ ޚިޔާލު ހޯދިފައިވާ ކަމަށެވެ.
އަދި ވިދާޅުވީ އެ ފަރާތަކުން ހުށަހެޅުއްވި އިސްލާހު ހިމެނޭ ގޮތަށް އާ ޑްރާފްޓެއް އެކުލަވައި ލައްވާނެ ކަމަށާއި އެ ޑުރާފްޓާ މެދު އެ ފަރާތްތަކުގެ މަޝްވަރާ ހޯދުމަށް އިތުރު ބައްދަލުވުމެއް ބޭއްވުމަށް ފަހު އިސްލާހު ކުރެވުނު އެ ގައިވާއިދުގެ ޑްރާފްޓް ގާޒީންގެ މަޖިލީހުން ފާސްކުރުމަށް ފަހު ސުޕްރީމްކޯޓަށް ހުށަހަޅާނެ ކަމަށެވެ.