08 Mar 2020, 12:18
ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް ޕޮޒިޓިވް މީހުން ފެނުނު ކުރެއްދޫ ރިސޯޓްގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބަޔަކު އުޅޭ، ޅ. ހިންނަވަރުގައި ފްލޫ ކްލިނިކެއް ގާއިމްކޮށް ރޯގާ އާއި ހުންއައުން ފަދަ ބަލިތަކަށް ފަރުވާދޭން ފަށައިފި އެވެ.
މިއީ އެރަށުގައި ކޮވިޑް-19 އެމަޖެންސީ ރެސްޕޮންސް ޓާސްކްފޯހުގެ ފަރާތުން ގާއިމްކުރި ކްލިނިކެކެވެ. ކުރެއްދޫ ރިސޯޓް ލޮކްޑައުންކުރުމުގެ ކުރިން އެ ރިސޯޓްގައި މަސައްކަތް ކުރާ އެ ރަށު ބައެއް މީހުން، ރަށަށް އައިސްފައިވެ އެވެ.
ހިންނަވަރު ސިއްހީމަރުކަޒުގެ އެސިްޓެންޓް ކޮމިޔުނިޓީ ހެލްތު އޮފިސަރު އަބްދުﷲ އަހުދީ އީސާ މިއަދު "ސަން" އަށް ވިދާޅުވީ ރަށުގެ ދެކުނު ފަރާތުގައި ހުންނަ އިޖުތިމާއީ ސެންޓަރުގައި ފްލޫ ކްލިނިކް ގާއިމްކުރީ ކުޑަކުދިން ކިރުމާއި ވެކްސިން ދިނުން ފަދަ ހިދުމަތްތައް ހެލްތު ސެންޓަރުން ދޭތީ، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.
"ހުންއައިސް، ރޯގާޖެހި، ކެއްސާ ކިނބިހި އަޅާ ނޭވާ ހިއްލާ ފަރާތްތަކަށް ހިދުމަތް ދޭނީ ފްލޫ ކްލިނިކުން. އާންމު އެހެން ބަލިތަކުގެ މީހުންނަށް ހިދުމަތްދޭނީ ސިއްހީ މަރުކަޒުން،" އަހުދީ ވިދާޅުވި އެވެ.
އަހުދީ ވިދާޅުވީ ކުރެއްދޫގައި މަސައްކަތްކުރާ އެރަށުގެ މީހުން ޓްރޭސްކޮށް ހެލްތު މިނިސްޓްރީ އާ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި އެމީހުންގެ ފަރާތުން ރޯގާ އަދި ހުންއައުމުގެ އަލާމާތެއް ފެނޭތޯ ބަލަމުންދާ ކަމަށާއި އެފަދަ އަލާމާތެއް ފެންނަނަމަ ފްލޫކްލިނިކަށް ގެންގޮސް ދޭންޖެހޭ ފަރުވާ ދެމުންދާ ކަމަށެވެ.
"މި މަސައްކަތުގައި ރަށުގެ މުވައްސަސާތަކުން ދޭ އެއްބާރުލުން ފާހަގަކުރަން،" އޭނާ ވިދާޅުވި އެވެ.
ހިންނަވަރު ކައިރީ އޮންނަ ޅ. ކުރެއްދޫ ރިސޯޓުން ކޮރޯނާ އަށް ދެ މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. ކުރެއްދޫ އަށް އަރާފޭބުން މިހާރު މަނާކޮށްފައިވާއިރު އެރިސޯޓުގެ ލެވެލް ވަނީ އޮރެންޖަށް މަތިކޮށްފަ އެވެ. ރާއްޖޭގައި ކޮރޯނާ ވައިރަސްގެ ލެެވެލް އޮތީ ރީނދޫގަ އެވެ. ކުރެއްދޫގެ ބިދޭސީ ދެ މުވައްޒަފުންނަށް ކޮރޯނާ ޖެހުނީ، އެ ރިސޯޓަށް އައި އިޓަލީ ފަތުރުވެރިއެއްގެ ކިބައިން ކަމަށް ވަނީ ހާމަވެފަ އެވެ.