މިހާރު ފެތުރެމުންދާ ކޮވިޑް-19، ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖޭގެ ޖަލުތަކުގެ ގައިދީންގެ ރައްކާތެރިކަމަށް ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން ފަށައިފި އެވެ.

ކޮވިޑް-19 ޖެހިފައިވާ ދެ މީހަކު ރާއްޖެއިން ފެނުމާ އެކު، ސަރުކާރުން ވަނީ ރާއްޖޭގެ ހާލަތު ވަނީ މިހާރު ރީނދޫ ލެވަލްއަށް ބަދަލުކޮށްފަ އެވެ.

އެ ބަލީގެ މައްސަލައިގައި އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިއިރު، ޖަލުތަކުގެ ގައިދީންގެ ރައްކާތެރިކަމާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ގައިދީންނަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން، ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ގައިދީންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހައްލު ހޯދުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކާ މަޝްވަރާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގައި ފެތެރުމުންދާ ކޮވިޑް-19ގެ ޕޮޒިޓިވް ދެ މީހަކު ރާއްޖެއިން ފެނިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރޭ ވަނީ ހާމަކުރައްވައިފަ އެވެ. ވައިރަސް އަށް ޕޮޒިޓިވް ވެފައިވަނީ ކުރެއްދޫގައި މަސައްކަތް ކުރާ ދެ ބިދޭސީ މުވައްޒަފުންނަށެވެ.

އެއާއެކު، އެ ރަށް ލޮކްޑައުންކޮށް އެ ރަށުގެ ހާލަތު ވަނީ، އޮރެންޖަށް ބަދަލުކޮށްފަ އެވެ.