10 Dec 2011, 17:09
އެއްދުވަހަކުން އިޓަލީގެ ރޯމާގެ ކޯޗުކަމާއި އަލުން ހަވާލުވާން ބޭނުންވި ނަމަވެސް މިވަގުތު ބޭނުންވަނީ ޕްރެމިއާ ލީގު ކުލަބަކަށް ކޯޗުކަން ކޮށްދޭން ކަމަށް ޗެލްސީގެ ކުރީގެ ކޯޗް ކާލޯ އެންޗެލޮޓީ ބުނެފި އެވެ.
ޕްރެމިއާ ލީގުގައި ޗެލްސީ އަށް އެދެވޭ ނަތީޖާ އެއް ހޯދައި ނުދެވުމުގެ ސަބަބުން އެކުލަބުގެ ކޯޗުކަމުން ވަކިވި އެންޗެލޮޓީ މެއި މަހުން ފެށިގެން ހުރީ އެއްވެސް ކުލަބަކާއި ހަވާލުނުވެ އެވެ. އެންޗެލޮޓީ މިހާރު ވިސްނަމުން ދަނީ ޕްރެމިއާ ލީގުގެ ކުލަބެއްގެ ކޯޗުކަމާއި ހަވާލުވުމަށެވެ.
"އެއްދުވަހަކުން ރޯމާ ގެ ކޯޗުކަމާއި އަލުން ހަވާލުވާން ބޭނުން. އެއީ އެކުލަބަކީ ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި އެންމެ ގިނަ ދުވަސް ހޭދަކުރި ކުލަބު ކަމަށްވާތީ. ނަމަވެސް އޭގެ ކުރިން އަހަރެން ބޭނުންވަނީ ޕްރެމިއާ ލީގު ކުލަބަކާއި ހަވާލުވާން." އެންޗެލޮޓީ ބުންޏެވެ.
ޗެލްސީ ގެ އިތުރުން އިޓަލީ ވިލާތަށް އުފަން އެންޗެލޮޓީ ވަނީ ގެޖީއަނާ އާއި، ޕާމާ އާއި، ޔުވެންޓަސް އާއި އޭސީ މިލާނަށް ވެސް ކޯޗުކަން ކޮށްދީފައި އެވެ. އެންޗެލޮޓީ ވަނީ ޔުވެންޓަސް އަށް 1999 ވަނަ އަހަރު އިންޓާޓޮޓޯ ކަޕް ކާމިޔާބު ކޮށްދީ، އޭސީ މިލާނަށް 2003 ވަނަ އަހަރުގެ ކޮޕާ އިޓާލިއާ އާއި، 2003 އަދި 2007 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގާއި، ހަމަ އެ ދެއަހަރުގެ ޔޫއެފާ ސުޕަ ކަޕް އާއި، 2004 ވަނަ އަހަރުގެ އިޓަލީ ލީގާއި، ހަމަ އެއަހަރުގެ އިޓަލިއަން ސުޕަ ކަޕް އާއި 2007 ވަނަ އަހަރުގެ ފީފާ ކުލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްދީފަ އެވެ.
މީގެއިތުރުން ޗެލްސީއަށް 2010 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގާއި، އެއަހަރުގެ އެފްއޭ ކަޕުގެ އިތުރުން 2009 ވަނަ އަހަރުގެ ކޮމިއުނިޓީ ޝީލްޑް ކާމިޔާބު ކޮށްދީފަ އެވެ.