މިރޭ ބާއްވަން ނިންމާފައިވާ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ގްރެޖުއޭޝަން ފަސްކޮށްފި އެވެ.

އެކަން ހާމަކޮށް އެމްއެންޔޫ ބިޒްނަސް ސްކޫލުގެ ޓްވިޓާ ހޭންޑްލް އިން ކުރި ޓްވީޓެއްގައި ބުނީ މިރޭ ބާއްވަން ހަމަޖެހިފައިވާ ގްރެޖުއޭޝަން ހަފްލާ ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.

ގްރެޖުއޭޝަން ހަފްލާ ފަސްކޮށްފައިވަނީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ގެ ދެ ކޭހެއް ރާއްޖެއިން ފެނުމާ ގުޅިގެންނެވެ.

އެމްއެންޔޫ އިން ބުނީ ގްރެޖުއޭޝަން ދެން އޮންނާނެ ދުވަހެއް ފަހުން އާންމު ކުރާނެ ކަމަށެވެ. އަދި ބުނީ، ފަސްކުރެވިފައިވާ ދަސްވެނިވުމުގައި ބައިވެރިވާން ބޭނުން ނުވާ ކުދިންނަށް ދަރިވަރުންގެ ހިދުމަތްތަކާ ބެހޭ ބައިން ދަސްވެނިވުމަށް ދެއްކި ފައިސާ އަނބުރާ ލިބޭނެ ކަމަށެވެ.

އެ ޔުނިވާސިޓީ އިން ބުނީ ގުރެޗުއޭޝަން ނުބޭއްވި ނަމަވެސް، ދަރިވަރުންނަށް ސެޓްފިކެޓް ދޫކުރާނެ ކަމަށާއި 11 މާޗުގެ މެންދުރު 2:00ގެ ކުރިން ރެޖިސްޓްރާގެ އޮފީހުން ދަރިވަރުންނަށް ސެޓްފިކެޓު ދޫކުރާނެ ކަމަށެވެ. އަދި ސެޓްފިކެޓު ނެގި ނަމަވެސް ގްރެޖުއޭޝަން ދެން ބާއްވާއިރު، އެ ދަރިވަރުންނަށް ގްރެޖުއޭޝަންގައި ބައިވެރިވުމަށް ފުރުސަތު ދޭނެ ކަމަށް އެމްއެންޔޫ އިން ބުންޏެވެ.

ގްރެޖުއޭޝަން ގައުން އަނބުރާ ގެންނަން ޖެހޭނީ ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް މާޗް 11 ގެ ކުރިން ކަމަށް ވެސް އެމްއެންޔޫއިން ބުންޏެވެ.

ރާއްޖެއިން ކޮރޯނާގެ ދެ ކޭސް ފެނިފައިވަނީ ޅ. ކުރެއްދޫ ރިސޯޓުންނެވެ. އެ ރިސޯޓުގައި މަސައްކަތްކުރާ ދެ މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވީކަން އިއުލާނު ކުރެއްވީ ރޭ ސަރުކާރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގަ އެވެ.

މިއާއެކު ކުރެއްދޫގައި ބަލީގެ ލެވެލް ވަނީ އޮރެންޖަށް މަތިކޮށްފަ އެ ރަށަށް އަރައިފޭބުން މަނާކޮށްފަ އެވެ. އަދި ރާއްޖޭގައި ބަލީގެ ލެވެލް އޮތީ ރީނދޫގަ އެވެ.

ކޮވިޑް އަށް ޝައްކުވެގެން ރާއްޖެއިން މިހާތަނަށް 33 މީހަކު ވަނީ ޓެސްޓުކޮށްފަ އެވެ. އޭގެ ތެރެއިން 31 މީހަކު ބައްޔަށް ނެގެޓިވް ވެފައިވާއިރު މި ބަލީގައި މިހާތަނަށް 3594 މީހުން ވަނީ މަރުވެފަ އެވެ.