ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުންދާ އިޓަލީގެ އުތުރުގެ ބޮޑު ސަރަހައްދެއް ލޮކްޑައުންއަށް ގެނައުމަށް އެގައުމުގެ ޕްރައިމް މިނިސްޓަރު ޖީސެޕީ ކޮންޓީ ނިންމަވައިފި އެވެ.

އިޓަލީގެ ޕްރައިމް މިނިސްޓަރު ވިދާޅުވެފައިވަނީ އެ ލޮކްޑައުން ކުރާ ސަރަހައްދުގައި އިޓަލީގެ ސިޓީ މިލާން އާއި ސިނާއީ ސަރަހައްދުތައް ހިމެނޭނެ ކަމަށެވެ. އެ ސަރަހައްދަކީ އިޓަލީގެ އިގުތިސޯދު ކުރިއެރުވުމުގައި އިސް ރޯލެއް އަދާކުރާ ސަރަހައްދެކެވެ.

ކޮވިޑް-19 ވައިރަސްގެ ނުރައްކާ އެންމެ ބޮޑަށް ފެނިގެންދާ އެއް ގައުމަކީ އިޓަލީއެވެ. އެ ވައިރަސް އުފެދިފައިވާ ޗައިނާއާ ޖެހިގެން އެ ކޮވިޑް-19ގެ ސަބަބުން އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އިޓަލީއިންނެވެ. އެގޮތުން އިޓަލީއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 200 އަށްވުރެ ގިނައެވެ.

އިޓަލީގެ އުތުރުގެ ބޮޑު ބައެއް ލޮކްޑައުންއަށް ލާ އެ ސަރަހައްދުގައި ދަތުރުކުރުންތައް ލިމިޓުކޮށްފައިވާއިރު ލޮކްޑައުންގެ އަސަރު މުޅި ގައުމުގެ ހަތަރު ބައިކުޅަ އެއްބަޔަށް ކުރާނެއެވެ.

"އަޅުގަނޑުމެންނަށް ކުރިމަތިވެފައި މިވަނީ ބޮޑު އިމާޖެންސީއެއް. މިއީ ގައުމީ އިމާޖެންސީއެއް،" ޕްރައިމް މިނިސްޓަރު ކޮންޓީ ވިދާޅުވިއެވެ.

ލޮކްޑައުން އަށް އުތުރުގެ ސަރަހައްދުތައް ލުމާއެކު މިލާންގެ އިތުރުން ފަތުރުވެރިންގެ މަންޒިލެއް ކަމަށްވާ ވެނިސް ވެސް ކަރަންޓީނު ރެޑް ޒޯނަށް ބަދަލުކުރާނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ. އޭގެ ސަބަބުން އެ ސަރަހައްދުތައް އެންމެ އަވަސްވެގެންވެސް ހުޅުވާނީ އަންނަ މަހުގެ ތިންވަނަ ދުވަހަށް ފަހުގައެވެ. އެގޮތުން ލޮކްޑަައުންގައި ގާތްގަނޑަކަށް 16 މިލިއަން މީހުންނަށް ބޭރަށް ނުކުމެ އުޅުމަށް މަނާވާނެއެވެ.

އިޓަލީ ގަޑީން މެންދަމު 0300 ޖެހި އިރު އެގައުމުގެ ޕްރައިމް މިނިސްޓަރު އިއްވެވި ބަޔާނުގައި ވިދާޅުވެފައިވަނީ ލޮކްޑައުން މުއްދަތުގައި ސަގާފީ ހަރަކާތްތައް ބޭއްވުން މަނާވާނެ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައިވަނީ ކޮވިޑް-19 އަށް އިޓަލީއިން ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު 5،800 އަށްވުރެ އިތުރުވެފައިވާ ކަމަށެވެ. އަދި އެ ވައިރަސްގައި މަރުވެފައިވާ މީހުންގެ އަދަދު 203 އަށް އަރާކަމަށްވެސް ޑަބްލިއުއެޗްއޯއިން ބުނެއެވެ.