08 Mar 2020, 02:28
ކ. ސަމާ އައިލެންޑް ރިސޯޓުން ކޮވިޑް-19، ކޮރޯނާވައިރަހަށް ޝައްކުވި ހުރިހާ އެންމެންގެ ޓެސްޓްތައް ހެދިއިރު، އެ އެންމެން ބައްޔަށް ނެގެޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.
އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީ ދެ ޓޫރިސްޓެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނުމާ ގުޅިގެން އެ ދެ މީހުންނާއި އެ މީހުންނާ މުއާމަލާތް ކުރި މުވައްޒަފުން ވަނީ އެކަހެރިކޮށް އެ ރިސޯޓްވެސް ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.
އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ، ވައިރަހަށް ޝައްކުވެގެން ސަމާ އައިލަންޑް ރިސޯޓުން ސާމްޕަލް ނަގައި ޓެސްޓްކުރި ހަތް މީހުން އެ ބައްޔަށް ނެގެޓިވް ވެފައިވާކަން ޓެސްޓުގެ ނަތީޖާއިން ކަށަވަރުވެފައިވާ ކަމަށެވެ.
"ޓެސްޓްގެ ނަތީޖާއާ ވިދިގެން، ސަމާ އައިލަންޑް ރިސޯޓަށް އަރާ ފޭބުމުގެ އެއްވެސް ހުރަހެއް ނެތްކަމަށް އަންގަން،" އެޗްޕީއޭގެ ޓްވީޓްގައިވެ އެވެ.