08 Mar 2020, 02:17
ކޮވިޑް-19 ނޫނީ ކޮރޯނާވައިރަހަށް ރާއްޖެއިން ދެ މީހަކު ޕޮޒިޓިވްވެފައިވާ މި ދަނޑިވަޅުގައި ރައްޔިތުން ކަންބޮޑުނުވެ، ސަރުކާރުން ދެމުން ގެންދާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް ސޯލިހު ރައްޔިތުންނަށް އެގޮތަށް އިލްތިމާސް ކުރެއްވީ، ކޮރޯނާވައިރަހަށް ރާއްޖެއިން ދެ މީހަކު ޕޮޒިޓިވްވި ހަބަރުން ސަރުކާރުން އާންމު ކުރެއްވުމަށް ފަހު މިރޭ މުލިއާގޭގައި ބޭއްވި ކުއްލި ކެބިނެޓް ބައްދަލުވުމެއްގައި ކަމަށެވެ.
އެ ބައްދަލުވުން ފައްޓަވަމުން ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނީ، ސަރުކާރުން އެންމެ ފުރަތަމަ ވެސް އަހަންމިއްޔަތުކަން ދެއްވީ ރައްޔިތުންނާ ހަމައަށް މި ހަބަރު ގެނެސްދެއްވައި، ކަމުގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް ކަމަށެވެ. އަދި އެންމެ ބޮޑު ސަމާލުކަމެއް ދެއްވަނީ މި ބަލިން ރައްޔިތުން ސަލާމަތްކުރެއްވުމަށް އަޅުއްވަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ވަގުތުން ވަގުތަށް އެޅުއްވުމަށް ކަމުގައިވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
"މި ވަގުތަކީ ރައްޔިތުން ކަންބޮޑުނުވެ، ސަރުކާރުން ދެމުން ގެންދާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރެއްވުމުގެ ވަގުތު. އެންމެ ބޮޑު ސަމާލުކަމެއް މިދެއްވަނީ މި ބަލިން ރައްޔިތުން ސަލާމަތްކުރެއްވުމަށް އަޅުއްވަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ވަގުތުން ވަގުތަށް އެޅުއްވުމަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.
މިރޭ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ކުއްލި ޖަލްސާގައި، ރާއްޖޭގައި ކޮވިޑް-19 އިތުރަށް ފެތުރެމުން ހިނގައިދާނެތީ، މިހާރުން މިހާރަށް ކަންކަން ގެންދާނެ ގޮތްތަކާބެހޭގޮތުންވެސް ވަޒީރުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިވަގުތަށް އަޅަންޖެހޭ މުހިއްމު ފިޔަވަޅުތަކުގެ ތެރޭގައި ވަޒީރުން ފާހަގަ ކުރެއްވީ؛
ގިނަ މީހުން ބައިވެރިވާ ގޮތަށް ބާއްވާ އެއްވުންތައް މަދުުރުން.
- ވީހާވެސް ހަރަދުތައް ކުޑަކުރުން.
މީގެ އިތުރުން، އިގްތިސާދީގޮތުން ދިމާވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކުރެއްވިދާނެ ކަންކަމާއި އަޅުއްވާނެ ފިޔަވަޅުތަކުގެ ލަފާ ރައީސް މިރޭ ހޯއްދެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ އޮފީހުން އަދި ބުނީ، ރައްޔިތުންނަށް ދަތިނުވެ، ކާޑުގެ ބާވަތްތަކާއި، ކާބޯތަކެއްޗާއި ބޭސް ލިބޭނެ އިންތިޒާމުތައްވެސް ސަރުކާރުން ހަމަޖައްސާފައިވާކަން ވަޒީރުން ފާހަގަ ކުރެއްވި ކަމަށެވެ. އަދި ހުރިހާ ރައްޔިތުންނަށްވެސް ފަސޭހަކަމާއެކު ކާޑުގެ ބާވަތްތަކާއި ކާބޯތަކެއްޗާއި ބޭސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަން ކަށަވަރުކުރުމުގެ މުހިއްމު ކަމުގެ މައްޗަށްވެސް މެންބަރުން ވާހަކަފުޅު ދެއްކެވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.