07 Mar 2020, 23:05
ނުރައްކާތެރި ތަކެތި ގެންގުޅޭ އިރު ބޭނުން ކުރާ ހެޒްމެޓް ސޫޓު މި ވަގުތަށް ބޭނުންވާ ވަރަށް އެބަ ހުރި ކަމަށާއި، އަދިވެސް އިތުރަށް ހޯދަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
ކޮވިޑް-19 ވައިރަސް ފެނިފައިވާ މީހުން ނުވަތަ އެ ވައިރަހުގެ އަލާމާތްތައް ފެންނަ މީހުންނަށް ފަރުވާ ދޭ އިރު ނުވަތަ އެ މީހުން އެއް ތަނުން އަނެއް ތަނަށް ގެންދާ އިރު ކުރިއަރާފައިވާ ގައުމުތަކުގައި ހެޒްމެޓް ސޫޓު ބޭނުން ކުރެއެވެ.
ރާއްޖޭގައި ވައިރަހަށް ޝައްކު ކުރެވޭ މީހުން ސީ އެމްބިއުލާންސްގައި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމުގެ މަސައްކަތް ކުރަަނީ އެމްއެންޑީއެފްއިންނެވެ.
ރާއްޖެއިން ކޮވިޑް-19 ފެނުމާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފްއާއި އެސްޓީއޯ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ވިދާޅުވީ، ރާއްޖޭގައިވެސް ވައިރަސް ހުރި ކަމަށް ޝައްކު ކުރެވޭ މީހުން އެއް ތަނުން އަނެއް ތަނަށް ގެންދާ އިރު ހެޒްމެޓް ސޫޓު ބޭނުން ކުރާ ކަމަށެވެ.
"މި ވަގުތަށް އަޅުގަނޑުމެން އެމްއެންޑީއެފްއަށް އޮތް ޒިންމާއަކީ ކުރިންވެސް ދަންވާލި ފަދައިން މީހުން ޓްރާންސްޕޯޓުކުރުން. ހާއްސަގޮތެއްގައި ސީ އެމްބިއުލާސްގައި މީހުން އެއް ތަނުން އަނެއްތަނަށް ގެންގޮސްދިނުން. އެކަމަށްޓަކައި ސީ އެމްބިއުލާންސްގެ ޑްރައިވަރާއި ކްރޫއާ މިހާރުވެސް ހެޒްމެޓް ގިއާ ބޭނުން ކުރޭ،" ވައިސް ޗީފް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މި ވަގުތަށް ބޭނުންވާ ވަރަށް ހެޒްމެޓު ސޫޓު އެބަ ހުރި ކަމަށެވެ. އެހެންނަމަވެސް، އަދިވެސް ސޫޓު ބޭރުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މި ވަގުތަށް ބޭނުންވާ ވަރަށް އެބަ ހުރި [ހެޒްމެޓް ސޫޓު]. އެކަަމަކު ދިގުދެމިގެން ވާނަމަ އަދަދު އިތުރަށް ބޭނުންވާނެ. އެހެންވީމަ އިތުރަށް ހޯދުމުގެ މަސައްކަތްވެސް ކުރަމުން ދަނީ،"
ރާއްޖެއިން ކޮވިޑް-19 ވައިރަސް ފެނުނީ ޅ. ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފެއްގެ ގައިންނެވެ. އެ ދެ މީހުންގެ ހާލުވެސް ސްޓޭބަލް އެވެ. އެ ދެ މީހުން ގަޔަށް ވައިރަސް އެރީ އެ ރިސޯޓުގައި ހުރެފައި ދިޔަ އިޓަލީ މީހެއްގެ ގައިން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެއެވެ.