08 Mar 2020, 09:24
ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19، ކޮރޯނާވައިރަސް މިވަނީ އެންމެ ފަހުން ރާއްޖެއިން ވެސް ފެނިފަ އެވެ. ކިތަންމެ ބޭނުން ނުވިޔަސް، މި ބަލި ރާއްޖެ އައުމުގެ ފުރުސަތު ބޮޑުކަަން ރައްޔިތުންނަށް ވިސްނައިދީ، އެފަދަ ހާލަތަކަށް ރައްޔިތުން ތައްޔާރުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ މަސައްކަތް ކޮށްފަ އެވެ.
މިއަދު މިވަނީ އެ ހާލަތު ކުރިމަތިވެފަ އެވެ. ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ދެ މީހަކު ފެނިއްޖެ އެވެ. އަދި މުޅި ރާއްޖޭގެ އެލާޓް ލެވެލް ވެސް މިވަނީ ރީނދޫ ލެވަލްއަށް މައްޗަށް ޖައްސާލައިފަ އެވެ.
އެއާއެކު ގިނަ ރައްޔިތުންގެ ހިތްތަކުގައި މިވަނީ ހާސްކަމާ ބިރުވެރިކަން އުފެދިފަ އެވެ. ނަމަވެސް މިއީ ބިރުގަނެ، ތެޅިފޮޅެންވީ ވަގުތެއް ނޫނެވެ. މިއީ ހަމަޖެހިގެން ވިސްނުންތެރިކަމާއެކު، ބަލިން ރައްކާތެރިވުމަށް ކޮންމެ މީހަކު ވެސް އަމިއްލައަށް މަސައްކަތް ކުރަންވީ ވަގުތެވެ. އަމިއްލަ ޒިންމާ އަދާކުރަންވީ ވަގުތެވެ.
"މިހާރު ރާއްޖެ މިއޮތީ ކޮވިޑް19 އައިސްފައިވާ ހާަލަތުގައިި. މި ހާލަތު އައިއިރު ސަރުކާރުން މިއޮތީ ތައްޔާރަށް. އެހެންވީމާ މިހާލަތު އައުމުން ވެސް މި ހާލަތާ އެއްގޮތް މިންވަރަށް އާންމު ދިރިއުޅުންް ކުރިއަށް ގެންދަން އަޅުގަނޑުމެން ރައްޔިތުން ކިބައިން އެދެނީ،" ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.
ނުރައްކާތެރި ބައްޔެއް ފެތުރެމުން އަންނަ އިރު ހާސްވުމަކީ އިންސާނީ ތަބީއަތެވެ. ކަމާބެހޭ ފަރާތްތަކުން ބުނުމުން އެ ހާސްކަން މުޅިން ފިލައިގެން ދިއުމަކީ ނާދިރުކަމެކެވެ. އެހެން ނަމަވެސް މި ހާލަތުގައި ހުރިހާ އެންމެނަށް ވެސް އޮތް އެންމެ ފަައިދާކުރަނިވި ގޮތަކީ އެ ފަރާތްތަކުން ދޭ އިރުޝާދުތަކަށް އަމަލު ކުރުމެވެ. ކުރަން ނުޖެހޭ ބޭކާރު ކަންކަން ނުކުރުމެވެ.
އެންމެ މުހިންމީ އަތް ދޮވުން!
ކޮވިޑް19 އިން ރައްކާތެރިވުމަށް ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ވަރަށް ގިނަ ކަންކަން އެބަހުއްޓެެވެ. ރޭގެ ޕްރެސްގައި ބަލިން ރައްކާތެރިވުމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ އެންމެ މުހިންމީ ރަނގަޅަށް އަތްދޮވުން ކަމަށެވެ.
ގިނައިން އަތްދޮވުމަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅެވެ. އަތް ދޮންނަ ކޮންމެ ފަހަރަކުވެސް ސައިބޯނި ލައިގެން މަދުވެގެން 20 ސިކުންތު އަތް ދޮންނަން އާދަކުރާށެވެ.
އަދި ބޭރުގައި އުޅޭއިރު އަތްނުދޮވެވޭ ހާލަތްތަކުގައި ހޭންޑް ސެނިޓައިޒާއެއް ގެންގުޅެން ބޭނުންކުރާށެވެ.
ރޯގާ ޖެހިއްޖެ ނަމަ ގޭގައި މަޑުކޮށް، 1676 އަށް ގުޅާ!

ކެޕްޝަން..
ޑރ. ނަޒްލާ ވިދާޅުވީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް، އެއްވެސް ވަރަކަށް ރޯގާގެ އަލާމާތެއް ހުރި ކަމަށް ފާހަގަވާނަމަ، އެންމެ ބުއްދިވެރީ އާންމުންގެ ތެރެއަށް ނުނުކުމެ ގޭގައި މަޑުކޮށްލުން ކަމަށެވެ.
ހާއްސަކޮށް ބޭރު ދަތުރެއް ކުރުމަށްފަހު އަންނަތާ 14 ދުވަހުގެ ތެރޭގައި ރޯގާގެ އަސަރު ފެނިއްޖެ ނަމަ ލަސްނުކޮށް އެޗްޕީއޭގެ ހޮޓްލައިން 1676 އަށް ގުޅާ މައުލޫމާތު ސާފުކުރާށެވެ. އަދި އެކަމާ ގުޅިގެން އެޗްޕީއޭ އިން ފޯރުކޮށްދޭ އިރުޝާދުތަކަށް އަމަލު ކުރާށެވެ.
ކޮވިޑް19 ގެ އަލާމާތްތަކަކީ ވެސް އެންމެ އާދައިގެ ރޯގާގެ އަލާމާތްތަކަށް ވާއިރު، އަދި މިއީ ރާއްޖޭގައި ރޯގާ ވެސް ފެތުރެމުން އަންނަ ދުވަސްވަރަކަށް ވުމުން ގިނަ އަދަދެއްގެ ބަޔަކު އެ ހޮޓްލައިނަށް ގުޅާނެ ކަން ދަންނަން ވާނެއެވެ. އެހެންކަމުން ލައިން ބިޒީ ނަމަވެސް، ކެތްތެރިކަން އިސްކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
މާސްކް އަޅާނީ ބަލި މީހުން!
ރާއްޖެއިން ކޮވިޑް19 ފެނުމުގެ މާނައަކީ ހުރިހާ އެންމެން މާސްކް އެޅުން މަޖުބޫރުވީކީ ނޫނެވެ. މާސްކް އަޅަން އެޗްޕީއޭ އިން އިލްތިމާސް ކުރަނީ ރޯގާ ޖެހިފައި ތިބޭ މީހުންނެވެ.
"ރޯގާ ޖެހިފައި ހުންނަ މީހާ މަސްކް އަޅާނަމަ އޭގެ ފައިދާ ބޮޑު، އެހެން މީހުންނަށް ބަލި ދިއުމުގެ ފުރުސަތު ވަރަށް ކުޑަކޮށްލާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ބަލި މީހާގެ އިިތުރުން އެމީހާ އާ އެންމެ ކައިރީގައި އުޅޭ ހެލްތު ވޯކަރުން ފަދަ މީހުން ވެސް މާސްކް އެޅުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެ އެވެ.
މާޗް 14، 2017: މީގެ ކުރިން މާލޭގައި ފްލޫ ފެތުރުނު އިރު މާލޭގައި މީހަކު މާސްކް އަޅައިގެން --- ފޮޓޯ/ ފަޔާޒު މޫސާ
ރޯގާގެ އަލާމާތެއް ނެތް މީހުން ކުރަންވީ ކަމަކީ، ކެއްސާ ކިނބިހި އަޅާއިރު، އަނގަޔާއި ނޭފަތުންް ނުކުންނަ އެއްވެސް ތިއްކެއް ބޭރުނުވާނެ ހެން ރަނގަޅަށް ނިވާ ކުރުމެވެ. ކެއްސާ ކިނބިހި އަޅާއިރު ނޭފަތާ އަނގަ ނިވާ ވާނެހެން ޓިޝޫ އަޅާށެވެ. އަދި ރައްކާތެރި ގޮތުގައި މާސްކާއި ޓިޝޫ ފަދަ ތަކެތި ނައްތާލަން އާދަކުރާށެވެ.
"ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ އެ ޓިޝޫ، ކޮތަޅެއް ލައްވާފައި ހުރި ޑަސްބިނަކަށް ލާން. އަދި ކޮތަޅު ރަނގަޅަށް ގޮށްޖެހުމަށްފަހު އެއްލާލުން،" ނަޒްލާ ވިދާޅުވި އެވެ.
ހޮސްޕިޓަލްތަކަށް ޒިޔާރަތް ނުކުރޭ!
ދުނިޔޭގައި މިހާތަނަށް ލައްކައަކަށް ވުރެ ގިނަ މީހުންނަށް ކޮވިޑް19 ޖެހިފައި ވީނަމަވެސް، ބަލީގައި ބޮޑުވަރުވެ މަރުވެފައި ވަނީ 3,586 މީހުންްނެވެ. ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ޑރ. ނަޒްލާ ވިދާޅުވީ 80 ޕަސެންޓު މީހުންނަށް ކޮވިޑް19 ޖެހެނީ ވަރަށް އާދައިގެ ރޯގާއެއް ގޮތަށް ކަމަށެވެ. ހާއްސަ ފަރުވާއަކާ ނުލާ ރަނގަޅުވެސްވެ އެވެ.
ކުޑަކޮށް ބަލިވެ، ފަރުވާ ކުރަން ޖެހެނީ 15 ނުވަތަ 20 ޕަސެންޓު މީހުންނެވެ. ކޮވިޑް-19 ގައި ނުރައްކާތެރި ހާލަތަކަށް ދަނީ ތިން ޕަސެންޓާއި ފަސް ޕަސެންޓާ ދެމެދުގެ މީހުންނެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ބަލީގައި ބޮޑުވަރު ވަނީ އުމުރުން ދުވަސްވީ މީހުންނާއި، އެހެން ބޮޑު ބައްޔެއްގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުންނެވެ.
މާޗް 14، 2017: އައިޖީއެމްޗްގައި މީހުންތަކެއް --- ފޮޓޯ/ ފަޔާޒު މޫސާ
އެހެންކަމުން އުމުރުން ދުވަސްވީ މީހުން މި ދުވަސްކޮޅު ޒަރޫރީ ހާލަތެއްގައި މެނުވީ ބޭރަށް ނުނެރުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ. އަދި ރޯގާގެ އަސަރު ހުރި ނަމަަ، ދުވަސްވީ މީހުންނަށާއި ބަލި މީހުންނަށް ޒިޔާރަތް ނުކުރަން އައިޖީއެއެޗް އިން ވެސް ވަނީ އަންގައިފަ އެވެ.
"ހޮސްޕިޓަލުގައި ތިބި ބަލި މީހުންނަށް ވެސް ޒިޔާރަތް ނުކުރާށޭ. އެއީ ހޮސްޕިޓަލުގައ ތިބޭނީ އާންމުކޮށް ދުވަސްވީ މީހުން ނޫނީ ބައްޔެއްގައި އުޅޭ މީހުން. އެމީހުންނަށް މިކަހަލަ ބައްޔެއް ޖެހިއްޖެއްޔާ ސީރިއަސް ވުމުގެ ފުރުސަތު ބޮޑުވާނެ،" ނަޒްލާ ވިދާޅުވި އެވެ.
މީގެ ިއތުރުން އިތުރު ފުއްޕާމޭގެ ބަލިތަކާއި، ކެންސަރު ފަދަ ބަލިތަކަށް ބޭސްކުރާ މީހުންނަށް ކޮވިޑް-19 ޖެހިއްޖެނަމަ ސީރިއަސް ވުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން އެފަރާތްތަކުން ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދީ އިތުރަށް ބަލައިގެން އުޅުމަށް އެޗްޕީއޭއިން އިރުޝާދު ދެއެވެ.
އަދި ބަލީގައި ހާޅު ސީރިއަސްވުމުގެ ނުރައްކާ ބޮޑު މީހުން ދަތުރު ނުކުރުމަށާއި، ހެލްތު ވޯކަރުންް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެ އެވެ.
ދޮގު ހަބަރު ނުފަތުރާ!
ކޮވިޑް19 ގެ ސަބަބުން ރައްޔިތުންގެ މެދުގައި އެންމެ ބޮޑު ބިރުވެރިކަމެއް އުފެދެމުން އަންނަނީ ދައުރުވަމުން އަންނަ ތެދު ނޫން ހަބަރާއި މައުލޫމާތުގެ ސަބަބުންނެވެ. އެހެންކަމުން މިފަދަ ދަނޑިވަޅެއްގައި ބަލަންވީ ޑަބްލިއުއެޗްއޯ، އެޗްޕީއޭ އަދި ޑޮކްޓަރުން ދޭ އިރުޝާދުތަކަށް އަމަލު ކުރުމަށެވެ. ހަމަ ފެންނަ ކޮންމެ އެއްޗެއް ގަބޫލުނުކުރާށެވެ. އަދި އެ ޝެއާކޮށް އެހެން ބަޔަކު އެ ބިރުވެރިކަމުގެ ތެރެއަށް ވައްޓާނުލާށެވެ.
ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭ އަދި ދިވެހި ޑޮކްޓަރުންް ވެސް އަންނަނީ ބައްޔާ ގުޅުންހުރި ތެދު މައުލޫމާތު އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ފޯރުކޮށްދެމުންނެވެ. އެހެންކަމުން އެ ފަރާތްތަކުން ދޭ މައުލޫމާތު ގަބޫލުކޮށް އެ އިރުޝާދުތަކަށް އަމަލުކުރާށެވެ.
ބަލިން ރައްކާތެރިވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ހޭލުންތެރިިވެ ތެދު މައުލޫމާތު ލިބިފައި ހުރުމެވެ.

ކޮވިޑް-19 އެމެޖެންސީ ރެސްޕޮންސް ސެންޓަރުން މިނިސްޓަރު އަލީ ވަހީދާއި އަމީން ނޫސްވެރިންނާ ބައްދަލު ކުރެއްވުން -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
މިއީ އެއްބައިވަންތަ ވާންވީ ވަގުތު!
މިހާރު ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ހެލްތު މިނިސްޓްރީ އާއި ކަމާބެހޭ އެހެން އިދާރާތަކުން ގުޅިގެން ކުރަމުން އަންނަ މަސައްކަތާ ގުޅިގެން މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި މިވަގުތު އެންމެ ބޮޑަށް ބޭނުންވަނީ އެއްބާރުލުމާ އެކުވެރިކަން ކަމަށެވެ.
މީގެކުރިން ވެސް ބޮޑެތި ކާރިސާތަކުންނާއި ބަލިމަޑުކަމުން އަރައިގަތުމަށް ދިވެހިން ވަނީ ގުޅިގެން ނަމޫނާ މަސައްކަތްތަކެއް ދައްކުވައިފައެވެ. މިއަދުވެސް ސަރުކާރުން އެދެނީ ރައްޔިތުން އެ ނަމޫނާ ދެއްކުމަށެވެ.
"އެކިއެކި ތަފާތުތައް އެއްފަރާތްކޮށް އަޅުގަނޑުމެން ގައުމަށްޓަކައި ކުރިމަތިވެފައިވާ ގޮންޖެހުމުން އަރައިގަތުމަށްޓަކައި އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް،" އަމީން ވިދާޅުވިއެވެ.
ހަމައެއާއެކު މިއީ ސިއްހީ ގޮތުން ކުރިމަތިވެފައި އޮތް ބޮޑު ނުރައްކަލަކަށް ވާއިރު ސިއްހީ އިދާރާތަކުންނާއި، ޑޮކްޓަރުންނާއި ސަރުކާރުގެ ކަމާބެހޭ އިރުޝާދުތަކަށް ސަމާލުކަން ދިނުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަދި ރާއްޖޭގެ ސިއްހީ ހިދުމަތްތެރިން ވެސް ހިތްވަރާއެކީ މިކަމާ ކުރިމަތިލައި، މުޅި ރާއްޖެ މިކަމުން ސަލާމަތް ކުރަންޖެހޭ މަސައްކަތްތަކުގައި ސާބިތުވެ ކުރިއަށް ދިއުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވައިފައެވެ.
މުދަލާއި ބޭސް ގުދަންކޮށް، ފައިދާ ހޯދަންވީ ވަގުތެއް ނޫން!
ރާއްޖެއިން ކޮވިޑް19 ފެނިފަައި ވާއިރު، ސަރުކާރުންް ދޭ ޔަގީންކަމަކީ ، މިހާލަތަށް ރާއްޖެ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމެވެ. އެސްޓީއޯއިން ދޭ ޔަގީންކަމަކީ ދިވެހިންނާއި ކާޑާއި ބޭހުގެ ބާވަތްތައް ދަތިނުވެ ލިބޭނެ ކަމެވެ.
އެހެންކަމުން ކޮންމެ މީހަކު ތިން ހަތަރު މަހަށް ވާވަރަށް ގެއަށް މުދާ ވައްދާނެކަމެއް ނެތެވެ. މިފަދަ ދަނޑިވަޅެއްގައި އެންމެން ވެސް ވިސްނަންވީ އެކަކު އަނެކަކަށް ދަތިނުވާނެ މަގުން ކަންކަން ގެންދެވޭތޯއެވެ.
"އަޅުގަނޑުމެން އެސްޓީއޯ އަތުގައިވެސް ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ވަަރަށް ކާޑު އެބަ ހުރި. އާންމުކޮށް ކާ އުސޫލުން ކާ ކަމަށްވަންޏާ ހުސް ނުވެ، މިއަދުވެސް މާދަމާވެސް ރާއްޖޭގެ ތާރީހުގައި މި ދިޔަހެން އެއްގޮތަކަށްވެސް ހުސްނުވެ ބަރާބަރަށް ކާޑު ލިބެން ހުންނާނެ،" އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަަރު ހުސެއިން އަމްރު ވިދާޅުވިއެވެ.
ޑިސެމްބަރ 2، 2019: އެސްޓީއޯ ކާޑު ގުދަނަށް ކާޑުގެ ބާވަތް ގުދަން ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކާާނާގެ އިތުރުން މާސްކާއި ހޭންޑް ސެނިޓައިޒާ އަދި ސައިބޯނި ފަދަ ތަކެތި ވެސް ގިނައިން ގަނެ ފޮރުވާނެ ކަމެއް ނެތެވެ. މިބަލިން ރައްކާތެރިވުމަށް އޮތް އެންމެ މުހިންމު ކަމަކީ ސާފުތާހިރުވުމެވެ. ފިހާރައިގައި ހުރި ހުރިހާ ސައިބޯންޏާއި ސެނިޓައިޒާ އެއް ގެއަކުން ފަނެ ފޮރުވައިފި ނަމަ ސާފުތާހިރު ވާނީ އެ ގޭގައި އުޅޭ މީހުންނެވެ.
އެހެން މީހުންނަށް އެތަކެތި ނުލިބޭ ނަމަ، ތިމާ ސާފުތާހިރުވެގެން ހުރި ނަމަވެސް، އެހެން މީހުންގެ މެދުގައި ބަލި ފެތުރުން ކޮންޓްރޯލެއް ނުކުރެވޭނެއެވެ.
އެހެންކަމުން މިއީ ހާސްނުވެ، އެންމެން ވެސް އެކަކު އަނެކަކަށް އެހީތެރިވެ އެއްބާރުލުން ދޭންވީ ވަގުތެވެ. ވިޔަފާރިވެރިން ވެސް މި ދަނޑިވަޅުގެ ނާަޖާއިޒް ފައިދާ ހޯދަން ތަކެތީގެ އަގު ބޮޑުކުރުމަކީ ލަދުވެތި ކަމެކެވެ. މިފަދަ ކަންކަމުން އަރައިގަނެވޭނީ އެންމެން އެކުގަައި މަސައްކަތް ކުރުމުންނެވެ.
"މިވަގުތަކީ ހުރިހާ އެންމެން އެކުގަައި މަސައްކަތް ކުރަންވީ ވަގުތު. އަޅުގަނޑުމެން ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ސަމާލުވުން އެންމެ މުހިންމު ކަމަކީ. ޕެނިކްވެ، ކުރަން ނުޖެހޭ ކަންކަން ކޮށް، އެއްބަޔަކު އަނެއް ބަޔަކަށް ދިރިއުޅުމަށް ފަސޭހަވާނެ މަގުން ކުރިއަށް ދިއުމަކީ މުހިންމުކަމެއް،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.