ކުރެއްދޫ ރިސޯޓްގެ ދެ މުވައްޒަފަކު ކޮވިޑް-19 ނުވަނަ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިރޭ ހާމަކުރައްވައިފި އެވެ.

އެމަޖެންސީ ރެސްޕޮންސް ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ ކުރެއްދޫ ރިސޯޓުން ޓެސްޓްކުރި ދެ މީހަކު ކޮރޯނާއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ ޕްރެސްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ޕޮޒިޓިވްވީ ކުރެއްދޫ ރިސޯޓްގެ ދެ މުވައްޒަފަކު ކަމަށެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވީ، ރާއްޖެއިން ދެ ކޭސް ފޭނުމާ އެކު ރާއްޖޭގެ ހާލަތު ޔެލޯ އެލާޓަށް ބަދަލުވެފައިވާ ކަމަށެވެ. އަދި ކުރެއްދޫ ރިސޯޓްގެ ހާލަތު އޮރެންޖުގައި އޮތް ކަމަށާއި އެ ރަށަށް މީހުން އަރައިފޭބުން މަނާވާނެ ކަމަށެވެ.

"އެކި ގައުމުތަކަށް މި ބަލި ފެނިފައިވީއިރު، ރާއްޖެއަށްވެސް މި ބަލި އަންނާނެ ކަމީ ދެބަސްވުމެއް ނެތް ހަގީގަތެއްކަން ގަބޫލުކޮށް ސަރުކާރުން މަސައްކަތް ކުރަމުން މިދިޔައީ. އިރާދަކުރެއްވިޔާ ސަރުކާރުން މިއޮތީ ތައްޔާރަށް. މިހާލަތު އައުމުންވެސް މިހާލަތާ އެއްގޮތް މިންވަރަށް އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގެ ހާލަތު ގެންދަން އަޅުގަނޑުމެން ރައްޔިތުންގެ ކިބައިން އެދެނީ،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ، މިހާލަތުގައި ސަރުކާރާއި ޑަބްލިއުއެޗްއޯއާއި ގުޅިގެން ހަދާފައިވާ އެސްއޯޕީތަކަށް އަމަލުކުރަމުންދާނެ ކަމަށެވެ. އަދި ރިޒޯޓުތަކުގެ މެނޭޖްމަންޓްތަކުން ސަރުކާރާއި އެޗްޕީއޭއާއި އެންޑީއެންއޭގެ ފަރާތުން ދޭ އިރުޝާދުތަކަށް އަމަލުކުރަމުން ގެންދިޔުމަށް އަލީ ވަހީދު އެދިވަޑައިގެންނެވި އެވެ،

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، މިހާލަތުން އަރައިގަތުމަށްޓަކައި އެންމެ ގުޅިގެން އެކުގައި އެއްބައެއްގެ ގޮތުގައި ކެތްތެރިކަމާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"މިއީ ސިއްހީ ގޮތުން އޮތް ބޮޑު ނުރައްކަލަކަށް ވުމާއެކު ސިއްހީ އިދާރާތަކާއި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ސަމާލުކަން ދިނުމަކީ މިވަގުތު ވަރަށް މުހިންމު ކަމެއް،" އަމީން ވިދާޅުވި އެވެ.

އެލާޓްލެވަލްތައް:

  • ޔެލޯ އެލާޓަކީ - ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގައި ނެރޭ އެލާޓް.

  • އޮރެންޖަކީ - ރާއްޖެއިން ބޭރުން އައި މީހެއްގެ ފަރާތުން ރާއްޖޭގައި ހުރި މީހަކަށް ބެލި ފެތުރޭ ހާލަތު.


ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެލާޓްތަކާ ގުޅޭ ގޮތުން ޑރ. އަލީ ލަތީފު ވިދާޅުވީ، ބޭރު މީހެއްގެ ފަރާތުން ބަލި އެހެން މީހަކަށް ފެތުރިއްޖެ ނަމަ، އެލާޓް ލެވެލް އަންނާނީ އޮރެންޖަށް ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ މުޅި ރާއްޖެ އޮރެންޖް އެލާޓަށް އައުން ނޫން ކަމަށާއި ބަލި ފެނުނު ރަށް، ކުރެއްދޫ އޮރެންޖް އެލާޓަށް އައުން ކަމަށެވެ.

"މުޅި ގައުމަށް ބަލައިފި ނަމަ އެއީ ޔެލޯ[އެލާޓް]. އޮރެންޖް ނަމަ ވަކި ފިޔަވަޅުތަކެއް އަޅަމުން މިދަނީ. އެއީ އެ ރަށުން ބަލި އެހެން ރަށަކަށް ފެތުރުނަ ނުދިނުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ޖެހޭ. އެގޮތުން އަޅުގަނޑުމެން މިހާރު އަޅާފައިވާ ފިޔަވަޅަކީ އެ ރަށަށް އަރާ ފޭބުން ވަގުތީ ގޮތުން މަނާ ކުރުން،" ޑރ. އަލީ ލަތީފު ވިދާޅުވި އެވެ.

ޑރ. ވިދާޅުވީ، އޭގެ މާނަކީ އެއްވެސް ހާލެއްގައި މުޅި ރާއްޖެއަށް އެ ހާލަތު އައުމެއް ނޫން ކަމަށެވެ. ނަމަވެސް މިހާރު ރާއްޖޭގެ ރަށަކުން ފެނުނުމުން އެހެން ރަށަކުންވެސް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ މުސްތޮފާ ވިދާޅުވީ، ބަލި ނުޖެހުމަށްޓަކައި އެންމެ ބޮޑަށް ކުރެެވެން އޮތް ކަމަކީ ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮވުން ކަމަށެވެ. އަދި ރޯގާއެއް ޖެހިއްޖެ ނަމަ، އާންމުގެ ތެރެއަށް ނުކުމެ ނޫޅުމަށް ނަޒްލާ އިލްތިމާސް ކުރެއްވި އެވެ.

"ހާއްސަކޮށް ބޭރުގެ ދަތުރުކޮށްފައި އަންނަތާ 14 ދުވަސް ތެރޭ އެފަދަ ރޯގާގެ އަލާމާތެއް ފެނިއްޖެ ނަމަ އެޗްޕީއޭގެ ހޮޓްލައިނަށް ގުޅައި، މައުލޫމަރު ސާފުކުރުން ވަރަށް މުހިންމު،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، ރޯގާ ޖެހިއްޖެ ނަމަ މާސްކް އަޅަން ޖެހޭނީ ރޯގާ ޖެހުނު މީހާ އެވެ. އެގޮތުން އެއާ އެކު އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ ވާނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

ރާއްޖެއިން ދެ ޕޮޒިޓިވް ކޭސް ފެނުމާ އެކު، މިރޭ ވަޒީރުންގެ މަޖިލީހުގެ ހާއްސަ ބައްދަލުވުމެއްް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.