ވިލާ އެއާ ޕްރައިވެޓް ލިމިޓެޑުގެ އެއާލައިން "ފްލައި މީ" އިން އިން ބޮޑުޗުއްޓީ އާ ދިމާކޮށް އައްޑު އަށް ދަތުރުތައް ފަށައިފި އެވެ.

ވިލާ ޓްރެވެލްސްގެ ޖެނެރަލް މެނޭޖަރު އަބްދުލްހައްނާނު އިބްރާހިމް މިއަދު ވިދާޅުވީ މި މަހުގެ 19 ވަނަ ދުވަހާ ހަމަޔަށް ފްލައިމީގެ ދެ ބޯޓް ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު އައްޑު އަށް އުދުހޭނެ ކަމަށާއި 19 އިން ފެށިގެން ހަފްތާ އަކު ތިން ފްލައިޓް ދަތުރުކުރާ ގޮތަށް ޝެޑިއުލްކޮށްފައިވާ ކަމަށެވެ.

"މި މަހުގެ 19 އާ ހަމަޔަށް އިންނާނީ ދެ ފްލައިޓް. އެއީ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު. ދެން 19 އިން ފެށިގެން ކޮންމެ ހޯމަ ދުވަހެއްގެ އިންނާނެ ރޭގަނޑު ފްލައިޓެއް،" ހައްނާނު ވިދާޅުވި އެވެ.

ފްލައިމީ އިން ގަން/މާލެ އަށް ދަތުރުކުރާ މީހެއްގެ އެއްކޮޅުގެ ޓިކެޓަށް 1584.07ރ. ނަގާ އިރު ދެކޮޅު ޓިކެޓްގެ އަގަކީ 3168.15ރ. އެވެ. އަދި ކުޑަކުއްޖެއްގެ އެއްކޮޅުގެ ޓިކެޓެއް 1191.80ރ. އަށް ވިއްކާ އިރު ކުޑަކުއްޖެއްގެ ދެކޮޅު ޓިކެޓެއް ވިއްކަނީ 2382.57ރ. އަށެވެ.

ހައްނާނު ވިދާޅުވީ ވިލާ އެއާގެ ފްލައިމީގެ ޓިކެޓް މާލެ އިން ލިބެން ހުންނާނީ ހަމައެކަނި އެއާލައިން އޮފީހުން ކަމަށާއި ނަމަވެސް އައްޑޫގައި ޓިކެޓް ވިއްކާ ދެ އޭޖަންޓަކު މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ފަށާފައިވާ އިރު ހުރިހާ ފްލައިޓެއް ވެސް ގާތްގަނޑަކަށް ފުރިފައި އޮންނަ ކަމަށް ވެސް ހަންނާނު ވިދާޅުވި އެވެ.