07 Mar 2020, 19:29
ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް ފެތުރިދާނެތީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް އެމްޑީޕީއިން ކުރިއަށްގެންދާ ކެމްޕޭނުގެ އަމަލީ ހަރަކާތްތައް މަޑުޖައްސާލަން ނިންމައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މިރޭ "ސަން"އަށް ވިދާޅުވީ ވައިރަހާ ގުޅިގެން އެ ޕާޓީގެ ކެމްޕޭން ހަރަކާތްތައް މަޑުޖައްސާލަން ޕާޓީއިން ނިންމާފައިވާ ކަމަށެވެ.
މާދަމާ އެމްޑީޕީ އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ލ. އަތޮޅު ކުރައްވަން ހަމަޖެހިފައި އޮތް ދަތުރާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލަކު ސިޓީއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުވެސް ވަނީ ކެންސަލްކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި އެމްޑީޕީއިން މިވަގުތަށް ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދާނީ ސޯޝަލް މީޑިއާގަ އެވެ.
ކޮރޯނާވައިރަހާ ގުޅިގެން އެމްޑީޕީގެ ކެމްޕޭން ހަރަކާތްތައް މަޑުޖައްސާލާފައިވާއިރު އެހެން ސިޔާސީ ޕާޓީތަކުގެ ކެމްޕޭން ހަރަކާތްތައްވެސް ދަނީ މަޑުޖައްސާލަމުންނެވެ.
އެގޮތުން ޕީޕީއެމް-ޕީއެންސީއިން ކެމްޕޭނަށް އަތޮޅުތެރެއަށް ކުރަމުން ދިޔަ ދަތުރުތައް ވަނީ ހުއްޓާލައިފަ އެވެ. އަދި އަންނަ ހުކުރު ދުވަހު ޖުމްހޫރީ ޕާޓީން އަލިމަސް ކާނިވާ ސަރަހައްދުގައި "ދީނާ ގައުމުގެ ދިފާއުގައި"ގެ ނަމުގައި ބާއްވަން އުޅުނު ބޮޑު ޖަލްސާ މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކޮށްފަ އެވެ.
ކޮރޯނާވައިރަސް ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން ދެ ޑޮކްޓަރުންނާއި ފްރާންސްގެ ދެ ޓޫރިސްްޓަކާއި އިޓަލީގެ ދެ ޓޫރިސްޓެއް އަދި ދިވެހި އަންހެނަކާއި އޭނާގެ ކުޑަ ދަރިފުޅު ވަނީ ކަރަންޓީނުކޮށްފަ އެވެ.
ޝައްކުވި ޓޫރިސްޓުން ޗުއްޓީ ހޭދަކުރަމުން އައި، ސަމާ އައިލެންޑް ރިސޯޓާއި ކުރެއްދޫ ރިސޯޓަށް މިވަގުތު އަރައިފޭބުން ވަނީ މަނާކޮށްފަ އެވެ.