08 Mar 2020, 09:36
އަހަރުގެ މިހާތަނަށް ނުކުތް ހުރިހާ ފިލްމުތަކުގެ ތެރެއިންވެސް އެންމެ ބޮޑު އޯޕަނިން އެއް ހޯދި ފިލްމަކަށް ޓައިގާ ޝްރޮފްގެ "ބާގީ 3" ވެއްޖެ އެވެ.
ޝްރައްދާ ކަޕޫރު އަންހެން ލީޑުން ފެނިގެންދާ އެ ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު އެ ފިލްމަށް ވަނީ 17.50 ކުރޯޑުގެ އާމްދަނީއެއް ހޯދައިފަ އެވެ. އެ ފިލްމާ އެންމެ ގާތުން ވާދަކުރަނީ އަޖޭ ދޭވްގަންގެ "ތަނަޖީ: ދި އަންސަންގް ވޮރިއާ" އެވެ. އެ ފިލްމު އެޅުވި ފުރަތަމަ ދުވަހު އެ ފިލްމަށް ވަނީ 15.10 ކުރޯޑުގެ އާމްދަނީއެއް ލިބިފަ އެވެ.
ކޮރޯނާ ވައިރަހުގެ ސަބަބުން ފިލްމުގެ އާމްދަނީ ކޮންމެވެސް ވަރަކަށް ދަށަށް ދާނެކަމަށް ބެލެވުނު ކަމުގައި ވީނަމަވެސް އެ ފިލްމުގެ ފެށުން ވަރަށް ބޮޑަށް ވެސް ރަނގަޅެވެ. މަޝްހޫރު ކްރިޓީކް ތަރަން އާދަޝް ވެސް ވަނީ މި ފިލްމަށް ތައުރީފްކޮށްފަ އެވެ.
އޭނާ ވަނީ ބާގީ 3 އަށް ފަސްތަރިން ތިން ތަރީގެ ރޭޓިންއެއް ދީފަ އެވެ.
އެ ފިލްމުގައި ޓައިގާގެ ބައްޕަ ޖެކީ ޝްރޮފް ވެސް ފެނިގެންދާނެ އެވެ. މި ފިލްމުގެ ދެވަނަ ބައިން ފެނިގެންދިޔައީ ޓައިގާގެ ލޯބިވެރިޔާ ދިޝާ ޕަޓާނީއެވެ. ބާގީ 3ގައި ދިޝާގެ ވަރަށް ފޯރިގަދަ ލަވައެއް ހިމަނާފައިވެ އެވެ. އަދި ފިލްމުގައި ބޮލީވުޑްގެ މަޝްހޫރު އައިޓަމް ގާލް ނޯރާ ފަތެހީގެ ލަވައެއް ވެސް ހިމަނަން ވަނީ ނިންމާފަ އެވެ.