07 Mar 2020, 18:13
އިންޑިއާގެ އެހީގައި ކުރިއަށްދާ އއ. ރަސްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މިއަދު ފަށައިފި އެވެ.
ރަސްދޫ އަކީ ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށެކެވެ. ގިނަ ގެސްޓްހައުސްތަކެއް ހުންނަ އެ ރަށް ގިރުމުގެ ސަބަބުން އެ ރަށުގެ އިގްތިސާދަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމުގެ ކަންބޮޑުވުން ބައެއް ރައްޔިތުން ފާޅުކުރެއެވެ. އަދި ރަށް ގިރުމުގެ ނުރައްކާ މީހުން ދިރިއުޅޭ ބައެއް ސަރަހައްދުތަކަށް އޮތް ކަމަށްވެސް އެ ރަށުގެ މީހުން ބުނެއެވެ.
އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ރަސްމިއްޔާތު ފެށުމުގެ ގޮތުން މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ސަންޖޭ ސުދީރްގެ އިތުރުން ރަށު ކައުންސިލްގެ ބޭފުޅުން ބައިވެރިވެޑައިގަތެވެ.
ރަސްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއަކީ އިންޑިއާގެ އަށް މިލިއަން ރުފިޔާގެ އެހީގައި ކުރިއަށްގެންދެވޭ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ރަސްދޫގެ ހުޅަނގު ފަރާތުން 200 މީޓަރުގެ ސަރަހައްދެއް ހިމާޔަތް ކުރެވިގެންދާނެއެވެ.
އއ. ރަސްދޫ ގޮނޑުދޮށް ގިރާލާފައިވާ ސަރަހައްދެއް -- ސަން ފޮޓޯ
އެ މަޝްރޫއުގެ ސަބަބުން ރަސްދޫއަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ލިބި، ރަށުގެ އިގްތިސާދު އެއަށް ބަރޯސާވާ ގެސްޓްހައުސް ވިޔަފާރިއަށް ކުރިއެރުން ލިބި ރަސްދޫގެ ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެ މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ ގްރާންޓް ސްކީމްގެ ދަށުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއައްދާ 16 ޕްރޮޖެކްޓްތަކުގެ ތެރެއިން އެއް މަޝްރޫއެކެވެ. މި ސްކީމްގެ ދަށުން ނުވަ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" ގެ މަސައްކަތް އެކި ރަށްތަކުގެ ރަށު ކައުންސިލްގެ ބެލުމުގެ ދަށުން ކުރިއަށްދާ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.