07 Mar 2020, 17:34
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބްރޫނާއީ ދާރުއްސަލާމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ރަސްގެފާނު ސުލްތާން ހާޖީ ހަސަނުލް ބޮލްކިއާ މުއިއްޒައްދީން ވައްދައުލާއާ ބައްދަލުކުރައްވައިފި އެވެ
ފޮރިން މިިނިސްޓްރީއިން ބުނި ގޮތުގައި ރާއްޖެ އާއި ބްރޫނާއީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭ ގޮތުން އެ ބައްދަލުވުމުގައި ޝާހިދު ވާހަކަފުޅު ދެއްކެވި އެވެ. އަދި ބްރޫނާއީ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ ސްކޮލާޝިޕްތަކަށް ޝުކުރު އަދާ ކުރައްވައި، އެސްކޮލަާޝިޕްތަކުގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ ކުރިއެރުން ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން، ބައިނަލްއަގްވާމީ ވަރަށް ގިނަ މައްސަލަތަކުގައި ރާއްޖެ އާއި ބްރޫނާއީގެ ވިސްނުން އެއްގޮތްކަން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވި އެވެ. އަދި އޯއައިސީގެ މެމްބަރު ގައުމުތަކާއެކު އޮންނަ ސިޔާސީ އަދި އިގުތިސާދީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދިވެހި ސަރުކާރުން އިސްކަމެއް ދެއްވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖެއާއި ބްރޫނާއީ އަކީ ކޮމަންވެލްތުގެ މެމްބަރު ގައުމުތައްކަމުން، ބައިނަލްއަގުވާމީ ދާއިރާތަކުގައި ދެގައުމު ގުޅިގެން މަސައްކަތްކުރެއްވުމާ ގުޅޭ ގޮތުންވެސް ރަސްގެފާނާއެކު މިނިސްޓަރ ޝާހިދު މަޝްވަރާކުރެއްވި އެވެ.
ޝާހިދު ބްރޫނާއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ އެގައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް 2 ދާތޯ ސެރީ ސެތިއާ ހާޖީ އެރިވަން ބިން ޕެހިން ދާތޫ ޕެކަރްމާ ޖާޔާ ހާޖީ މުހައްމަދު ޔޫސުފް އާއި މިއަދު ހެނދުނު ބައްދަލުކުރައްވައިފަ އެވެ.
ބްރޫނާއީއިން ރާއްޖެއަށް ދޭ ސްކޮލާޝިޕްތައް އިތުރު ކުރުމާ ގުޅޭ ގޮތުންނާއި، ރާއްޖޭގައި ކާބޯތަކެތި ހަލާލް ސެޓްފިކެޓަށް ޓެސްޓްކުރުމަށް ހާއްސަ ލެބޯޓްރީއަށް ގާއިމްކުރުމާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރި އެވެ.