10 Dec 2011, 15:51
ޖީއެމްއާރު ގްރޫޕާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމަށް އިހުތިރާމް ކުރުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އެ ކުންފުނިން ރޭ ބުނެފި އެވެ.
" ... ގައުމީ، އިގުތިސާދީ ގޮތުން މުހިއްމު މި މަޝްރޫއު ކާމިޔާބު ވުމަށް ޓަކައި އެއްބަސްވުމުގައިވާ ކަންތައްތައް ފުރިހަމަ ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ދިވެހި ސަރުކާރުން އަޅާނެ ކަމުގެ ޔަގީންކަން ޖީއެމްއާރަށް އެބަ އޮތް،" ޖީއެމްއާރުގެ ބަޔާނުގައިވެ އެވެ.
އެއާޕޯޓް ޑިވެލޮޕްމެންޓް ޗާޖް ]އޭޑީސީ[ އެއާޕޯޓުން ފުރާ ކޮންމެ ޕަސިންޖަރެއްގެ އަތުން ޖީއެމްއާރުން ނަގަން އުޅުނު 25 ޑޮލަރާއި އިންޝުއަރެންސް ޗާޖުގެ ގޮތުގައި ނަގަން އުޅުނު ދެ ޑޮލަރު ނުނެގޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެން ޖީއެމްއާރުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ހުކުމް ކުރިކަން މީޑިޔާ އިން އެނގިފައިވާ ކަމަށާއި އަދި ހުކުމުގެ ކޮޕީއެއްގެ އިންތިޒާރުގައި ތިބި ކަމަށެވެ.
އެއާޕޯޓް ޑިވެލޮޕްމެންޓް ޗާޖެއް ނެގުމަކީ އެއާޕޯޓްތައް ޕްރައިވެޓައިޒް ކުރާ އިރު އާއްމުކޮށް ކުރާ ކަމެއް ކަމަށް ވެސް ޖީއެމްއާރުގެ ބަޔާނުގައިވެ އެވެ.
" .. ގިނަ ބައިނަލްއަގުވާމީ އެއްބަސްވުންތަކުގައި އޭޑީސީ ހިމަނާފައި ވަނީ އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ފަންޑް ހޯދުމަށް،" ޖީއެމްއާރުގެ ބަޔާނުގައިވެ އެވެ.
ޖީއެމްއާރުން ނަގަން އުޅުނު އިންޝުއަރެންސް ޗާޖާއި އޭޑީސީ ނުނެގޭނެ ކަމަށް ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ހުކުމް ކުރީ އެކަން ހުއްޓުވައިދިނުން އެދި ގައުމީ ޕާޓީން އެ ކޯޓަށް ހުށައެޅި މައްސަލައަކާ ގުޅިގެންނެވެ.
ގައުމީ ޕާޓީގެ ނާއިބު ރައީސް އިމާދު ސޯލިހު ފިނޭންސް މިނިސްޓްރީ އަށް ރައްދުވާ ގޮތަށް ކުރެއްވި ދައުވާގައި ސިވިލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސެއިން މިއަދު ކުރެއްވި ހުކުމުގައި ބުނެފައި ވަނީ ޖީއެމްއާރުން ނަގަން ނިންމާފައިވާ 25 ޑޮލަރުގެ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖާއި ދެ ޑޮލަރުގެ އިންޝުއަރެންސް ސާ ޗާޖް ނެގުމަކީ ދިވެހި ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓް ސާވިސް ޗާޖު ނެގުމާ ބެހޭ ޤާނޫނުގެ މަގުސަދާއި މަފްހޫމާ ޚިލާފް ކަމެއް ކަމަށެވެ.
"ޖޫން 2010،28 ދުވަހު ދިވެހި ސަރުކާރާއި ޖީއެމްއާރު-އެމްއެޗްބީ ކޮންސޯޓިއަމް އާއި ދެމެދު ވެފައިވާ ކޮންސެޝަން އެގްރީމެންޓްގެ އެނެކްސް 10ގެ ދެވަނަ ނަންބަރުގެ (އޭ) އާއި (ބީ) އަކީ ގާނޫނު ނަމްބަރު 78/71ގެ މަގުސަދާއި އެ ގާނޫނުގެ މަފްހޫމާއި ޚިލާފް ދެ އަކުރު ކަމަށް ކަނޑައަޅައި ހުކުމް ކޮށްފީމެވެ،" ޖީއެމްއާރުން ނަގަން ކަނޑައެޅި 25 ޑޮލަރުގެ ފީ އާއި ދެ ޑޮލަރުގެ އިންޝުއަރެންސު ޗާޖާ ބެހޭ ގޮތުން ކޯޓް ހުކުމުގައިވެ އެވެ.
ދިވެހި ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން، އެއާޕޯޓް ސާވިސް ޗާޖު ނެގުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖެ އިން ބޭރަށް ފުރާ ދެ އަހަރުން މަތީގެ ކޮންމެ ފަސިންޖަރެއްގެ އަތުން 12 ޑޮލަރުގެ ޓެކްހެއް މިހާރު ވެސް ނަގަ އެވެ.
އަދި އެ ނޫން ގާނޫނެއްގެ ދަށުން ބިދޭސީން އަތުން 18.5 ޑޮލަރު އަންނަނީ ނަގަމުންނެވެ.