07 Mar 2020, 13:04
ދުނިޔޭގައި ކޮވިޑް19ގެ ބިރުވެރިކަން ފެތުރެމުންދާ މި ދަނޑިވަޅުގައި ރާއްޖޭގެ ހާލަތަށް ރިއާޔަތްކޮށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ކައުންސިލް އިންތިހާބަށް އަތޮޅުތަކަށް ކުރަމުން އަންނަ ދަތުރުތައް ހުއްޓާލަން ނިންމައިފިއެވެ.
ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަތޮޅުތަކުގައި ހަރަކާތްތެރިވަމުންދާ އެ ކޯލިޝަންގެ ޓީމުތައް ދަތުރުތައް ކުރުކޮށްލުމަށްފަހު މާލެ އައުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ މިއީ ރާއްޖެ ފަދަ ކުޑަ ގައުމެއްގައި މި ބަލި ފެތުރިއްޖެނަމަ ރައްޔިތުންނަށް ކުރިމަތިވާނެ ދަތިތަކާއި ގެއްލުން ބޮޑުވާނެތީ ނިންމި ނިންމުމެއް ކަމަށެވެ.
އަދި ޕީޕީއެމް-ޕީއެންސީން އަބަދުވެސް ގައުމީ މަސްލަހަތު އިސްކޮށް، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް އިސްކަންދޭނެކަމުގެ ފުރިހަމަ ޔަގީންކަން ދޭކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން ހާމަކަންބޮޑު ގޮތެއްގައި ބައްޔާގުޅޭ މައުލޫމާތާއި، ރާއްޖޭގެ ހާލަތު ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމަށާއި ކޮވިޑް19 އާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް އެ ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލައިފައެވެ.
ރާއްޖެއިން އަދި މިހާތަނަށް ބައްޔަށް މީހަކު ޕޮޒިޓިވް ވެފައި ނުވި ނަމަވެސް، ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީގައި ހަ މީހަކު އެކަހެރިކޮށްފައި އެބަތިއްބެވެ.
އަދި މިއަދު ސަމާ އައިލެންޑު ރިސޯޓުން ވެސް ބަލީގެ އަލާމާތްތައް ފެނިގެން ތިން މީހަކު ކަރަންޓީނު ކުރުމަށް ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ބައްޔަށް ޝައްކު ކުރެވޭ މީހުން ފެނުނު ސަމާ އައިލެންޑް ރިސޯޓާއި، ޅ. ކުރެއްދޫ ރިސޯޓާއި އަދި ވ. ތިނަދޫ މިހާރު ވަނީ އެޗްޕީއޭގެ ހުއްދަ ނެތި މީހުން އަރާ ފޭބުން މަނާކޮށްފައެވެ.
ރާއްޖެއިން ފުރި އިޓަލީ ފަތުރުވެރިޔަކި ގައުމަށް ދިޔަ ފަހުން ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށް ވަނީ އަންގާފައިވާތީ މިރޭ ދަންވަރު 00:00 ގެ ފަހުން އިޓަލީން ރާއްޖެއަށް ފަތުރުވެރިން އައުން މަނާކުރުމަށް ވަނީ ނިންމައިފައެވެ.
އަދި ސަރުކާރުން އަންނަނީ ބައްޔަށް ޕޮޒިޓިވް ވި މީހާއާ ކޮންޓެކްޓު ވެފައިވާ މީހުން ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ޕީޕީއެމް އިން ކެމްޕޭނު ދަތުރުތައް ހުއްޓާލަން ނިންމާފައި ވާއިރު، އެމްޑީޕީން ވަނީ އަތޮޅުތެރެއަށް ދަތުރުތަކެއް ފަށައިފައެވެ. އަދި ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން މިއަދު ވިލިމާލޭގައި ވަނީ ބޮޑު ކޮންފަރެންސެއް ވެސް ފަށައިފައެވެ.