ރިސޯޓްތަކުންނާއި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ތަންތަނުން ކ. ތިލަފުއްޓަށް އުކާލުމަށް ގެންނަ ކުނި ތިލަފުށީ ފަޅުތެރެއަށް އެޅި އެ ސަރަހައްދުގެ ފަޅުތެރެ ތަޣައްޔަރުވަމުން ދާތީ، ކުނިތައް ނަގައި ފަޅުތެރެ ސާފުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން މިއަދު ފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވީ ތިލަފުށީގައި އިންޑަސްޓްރިއަލް ރަށްރަށުންނާއި ރިސޯޓްތަކުން ގެންނަ ކުނި އެޅުމަށް ހާއްސަކޮށްފައިވާ ޖެޓީ އަށް ކުނިއަޅާފައި ވާތީ، ވަރަށް ގިނަ ދަތިތަކާ ކުރިމަތިވަމުން ދާތީ އެ ޖެޓީ އަށް ކުނިއެޅުން މެނދުކަނޑާލުމަށް ފަހު، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިއަދު ހެނދުނު އެމްއެންޑީއެފާ އެކު ސީޓީ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ.

ޝުޖާއު ވިދާޅުވީ ތިލަފުށީގެ ފަޅުތެރޭގެ ސަރަހައްދަށް ކުނި އަޅާ ފަރާތްތަކުގެ ތެރޭގައި ރިސޯޓްތަކުން ކުނި ގެންނަ ދޯނި ފަހަރުތަކާއި ބައެއް އިންޑަސްޓްރިއަލް އެހެން މަސައްކަތްތައް ކުރާ ފަރާތްތައް ވެސް ހިމެނޭ ކަމަށާއި އަލުން އޮޕަރޭޝަނަށް ފައްޓާ އިރު އެކަންތައްތައް ހައްލުކުރުމަށް އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ކަނޑައަޅާނެ ކަމަށެވެ.

ޝުޖާއު ވިދާޅުވީ ކުރީގެ އޮޕަރޭޝަނަށް ދެވޭ ވަރަށް މިހާރު އެ ސަރަހައްދުގެ ފަޅު ސާފުކުރެވިފައިވާ ކަމަށާއި ނަމަވެސް މިފަހަރު އަލުން އޮޕަރޭޝަންތައް ފައްޓާނީ އެ ސަރަހައްދު ވަރަށް ބޮޑަށް ސާފުކުރުމަށް ފަހު ކަމަށެވެ.

"އައިސް ފަޅަށް އުކާލާފައި ދޯނިތައް ދަނީ. ރިސޯޓްތަކުން ގެންނަ ކުނިތައް ގެންނަނީ ދޯނި ތެރެއަށް އޮއްސައިގެން، އަޅުގަނޑުމެން މިހާރު ވާނީ އަންގާފައި ނެޓަށް އަޅައިގެން ނޫނީ ފަޅަށް ކުނި ނޭޅޭ ގޮތަށް ގެންނާށޭ، އަދި ރިސޯޓަކުން އުކާލާ ކުނި ނަމަ ކުއްޔަށް ހިފައިގެން ގެންނަ ދޯނީގައި ރިސޯޓްގެ މީހަކު ބެހެއްޓުމަށް ވެސް ވާނީ އަންގާފައި،" ޝުޖާއު ވިދާޅުވި އެވެ.

އިސްޑަސްޓްރިއަލް ސައިޓްތަކުންނާއި ރިސޯޓްތަކުން ތިލަފުށްޓަށް ކުނި އެޅުމަށް ހަމަޖެހިފައިވާ ޖެޓީ އަށް ކުނި އެޅުމުގެ މަސައްކަތް ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފަ އެވެ.