07 Mar 2020, 10:45
ސަމާ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ދެ ފަތުރުވެރިޔަކު ކޮވިޑް19 އަށް ޝައްކު ކުރެވިގެން އެކަހެރިކޮށްފައިވާ ކަމަށާއި، ވަގުތީ ގޮތުން ރިސޯޓަށް އަރާ ފޭބުން މަނާކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިފައިވާ ފްރާންސްގެ ދެ ފަތުރުވެރިންގެ ފަރާތުން ކަމަށެވެ.
އަދިއ އެ ދެމީހުން މޮނިޓާކުރުމަށާއި ޓެސްޓު ހެދުމަށް އެކަމަށް ކަނޑައެޅިފައިވާ މަރުކަޒަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި ޝައްކުކުރެވޭ މީހަކު ފެނުމުން އަމަލު ކުރަން އޮންނަގޮތުގެ މަތިން އެރަށަށް އަރައި ފައިބާ ހެދުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.
ފްރާންސްގައި މިހާތަނަށް 600 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް19 ޖެހިފައިވާއިރު، ނުވަ މީހަކު ވަނީ ބަލީގައި މަރުވެފައެވެ.
ސަމާ އައިލެންޑު ރިސޯޓަށް އަރާ ފޭބުން ވަގުތީގޮތުން މަނާކޮށްފައި ވާއިރު އިއްޔެ ޅ. ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ އިޓަލީ މީހަކު ބައްޔަށް ޕޮޒިޓިވްވި ކަމުގައި މައުލޫމާތު ލިބި އަދި އެ ރިސޯޓުގެ ޑޮކްޓަރުގެ ކިބައިން ބަލީގެ އަލާމާތްތައް ފެނުމުން ބައްޔަށް ޓެސްޓުކުރުމަށް އޭނާ ވަނީ ފަރުކޮޅުފުއްޓަށް ގެންގޮސްފައެވެ.
އަދި ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ރިސޯޓަށް ވެސް ވަގުތީގޮތުން އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. ހަމައެއާއެކު ވ. ތިނަދޫއިން ބައްޔަށް ޝައްކު ކުރެވޭ ފަތުރުވެރިޔަކު ފެނި އޭނާގެ ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން އެރަށް ވެސް އޮތީ ލޮކްޑައުންގައެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ޖެހުނު މީހުންގެ އަދަދު މިހާރު ލައްކައަކަށް ވުރެ މައްޗަށް އަރާފައި ވާއިރު، މި ބަލީގައި 3،497 މީހަކު ވަނީ މަރުވެފައެވެ.