06 Mar 2020, 23:50
މާދަމާ ރެެއިން ފެށިގެން އިޓާލީން ރާއްޖެއަށް ފަތުރުވެރިން އައުން ވަގުތީ ގޮތުން މެދުކަނޑާލަން ސަރުކާރުން ނިންމައިފިއެވެ.
އިޓަލީވިލާތުގެ އުތުރުގައި ވަރަށް ބާރު މިނުގައި ކޮރޯނާ ވައިރަސް ފެތުރެމުން އަންނަ އިރު، 3،858 މީހަކަށް އެ ބަލި ޖެހި 148 މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.
ރާއްޖޭގައި މިހާރު ތިން ފަތުރުވެރިންނާއެކު ޖުމްލަ ހަ މީހަކު ފަރުކޮޅުފުށީގައި އެކަހެރިކޮށްފައި އެބަތިއްބެވެ. މީގެ އިތުރުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ އިޓަލީ ފަތުރުވެރިޔަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަން އޭނާ ވަނީ އަންގައިފައެވެ.
މިރޭ ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި އަމަލުކުރަމުން އަންނަނީ ޑަބްލިއުއެޗްއޯގެ މިންގަނޑާ އެއްގޮތަށް އެޗްޕީއޭ އިން ކަނޑައަޅާފައިިވާ އުސޫލުތަކުގެ ދަށުން ކަމަށެވެ.
އަދި މިިދިޔަ ހަފްތާގައި ނެޝަނަލް ޑިޒާސްޓާ މެނޭޖެމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަކީ މިކަން މެނޭޖުކުރުމުގެ ލީޑު އެޖެންސީ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވާފައިވާ ކަމަށާއި، ދައުލަތުގެ ހުރިހާ އެޖެންސީތަކެއް ގުޅިގެން ޓާސްކް ފޯހެއް އެކުލަވާލައި، މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި މިރޭ ފުލުހުންނާ އެމްއެންޑީއެފެ ވެސް ހިމެނޭ ގޮތަށް ރައީސް ސޯލިހު ޗެއާ ކުރެއްވި ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މާދާމާ ރޭގެ ދަންވަރު 23:59 ގެ ފަހުން ވަގުތީގޮތުން އިޓަލީވިލާތުން ރާއްޖެއަށް ފަތުރުވެރިންނަށް ނާދެވޭ ގޮތަށް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ.
"މާދަމާ ރޭގެ 11:59 އަކުން ފެށީގެން ޑައިރެކްޓު ފްލައިޓަކަށް ވެސް އަދި ޓްރާންސިޓް ފްލައިޓަކަށް ވެސް ރާއްޖެއަކަށް ވަގުތީގޮތުން އިޓަލީ ވިލާތުން ނާދެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެގޮތަށް ނިންމާފައި ވާނީ ރާއްޖެއަށް އެކަމުގެ ނުރައްކާ އޮތް މިންވަރު އެސެސް ކުރުމަށްފަހު ކަމަށާއި ޔޫރަޕުގައި އެންމެ ބޮޑަށް ބަލި ފެތުރެމުން އަންނަނީ އިޓަލީގައި ކަމަށްވުމުން، މިވަގުތަށް ރާއްޖެއަށް އެންމެ ރައްކާތެރި ގޮތަކީ އެއީ ކަމަށެވެ.
މުޅި ދުނިޔޭގައި 12 ގައުމަކުން ވަނީ އިޓަލީގެ ފަތުރުވެރިން އައުން މަނާކޮށްފައެވެ. އޭގެ ތެރޭގަައި އިންްޑޮނޭޝިޔާ، ތައިލެންޑް، އިންޑިއާ، އިޒްރޭލު، އަދި އުރުދުން ފަދަ ގައުމުތައް ހިމެނެއެވެ.
މިނިސްޓަރު ވިދާޅުވީ ދިރާސާތަކުން ދައްކާގޮތުން ޔޫރަޕުގެ ގައުމުތަކަށް އެންމެ ބޮޑަށް ބަލި ފެތުރެނީ އިޓަލީން ޒިޔާރަތްކުރާ މީހުންގެ ސަބަބުން ކަމަށާއި މިހާރުވެސް އިޓަލީވިލާތުގެ ފަތުރުވެރިންގެ ސަބަބުން އެފްރިކާ ބައްރުގެ ފަސް ގައުމަަކަށް ބަލި ފެތުރިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެންމެ މުހިންމީ ދިވެހިރާއްޖެ ކަމަށާއި، ރާއްޖޭގެ އިގްތިސޯދު ދެމެހެއްޓޭނީ އެންމެ ފުރަތަމަ ރާއްޖެ އޮވެގެން ކަމަށެވެ.
"މިކަންކަމަށް ބެލުމަށްފަހު ރާއްޖެއަށް އެންމެ ރައްކާތެރިކަން ބޮޑީ މިވަގުތު އިޓަލީވިލާތުން މިވަގުތު މީހުން އައުއުން މަޑުޖައްސާލުން ކަމަށް ވާތީ އެގޮތަށް ވާނީ ނިންމާފައި،" މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑް19 ގެ ސަބަބުން ޗައިނާގެ ފްލައިޓްތައް ހުއްޓާލައި، އީރާނުންނާއި އީރާނު މަގުން މީހުން އައުންވެސް މީގެކުރިން ވަނީ މަނާކޮށްފައެވެ.