06 Mar 2020, 20:57
ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ފެތުރިދާނެ ކަމުގެ ބިރުގައި ފިޔަވަޅުތަކެއް އަޅައިގެން މުޅި ރާއްޖެ ހުއްޓިގެން ނުވާނެ ކަމަށާއި އޭރުން ދެން ރާއްޖެއަށް ކުރިމަތިވާނެ ގެއްލުން މާ ބޮޑުވާނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް ފެށުމުގެ ގޮތުން އެމްޑީޕީ ހަރުގެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ކޮރޯނާ ވައިރަހާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯއިން ލަފާދެނީ ގިނަގިނައިން އަތް ދޮވުމަށާއި ސާފުތާހިރުކޮށް ތިބުމަށް ކަމަށެވެ. ދަތުރުފަތުރު ކުރުން ފަދަ ކަންކަން ހުއްޓާލަން ޑަބްލިއުއެޗްއޯއިން ލަފާދީފައިނުވާކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، މި ރޯގާގެ ކަންތަކުގައި "ހުން ނާންނަނީސް" ރަޖާލާނަމަ އިގްތިސާދު ހުއްޓިދާނެ ކަމަށެވެ.
"މީގައި [މި ރޯގާގެ ކަންކަމުގައި] އެންމެ މުހިންމު ކަމަކީ، ދުނިޔެއެއް ހުއްޓައެއް ނުލެވޭނެ، ދިވެހިރާއްޖެ އެއްވެސް ހުއްޓައެއް ނުލެވޭނެ. އަދި އަޅުގަނޑުމެން ބިރުވެރިކަމުގެ ތެރެއަށް ގޮސް ހުންނާންނަނީސް ރަޖާއަޅާ އުސޫލަށް އަޅުގަނޑުމެން، ބަދަލުވާން ފަށައިފި ނަމަ، ދުނިޔޭގެ އިގްތިސާދު ވެސް ހުއްޓޭނެ. އިގްތިސާދު ހުއްޓުނީމާ ދެން އަޅުގަނޑުމެންނަށް ދެން ރޯގާ ނުޖެހުނެއް ކަމަކު ދިމާވާނެ އެހެން ރޯގާތަކާއި އެހެން ބަލިތަކާއި އެހެން އުނދަގޫތައް މާގިނަވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދަތުރުފަތުރު ހުއްޓާލައިގެން ނުވާނެ ކަމަށާއި ރަށަކުން ބައްޔެއް ފެނުނަސް އެ ރަށް ކަރަންޓީނު ކުރުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ވިސްނުންތެރި ކަމެއް ވެސް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދު އަދި ވިދާޅުވި ގޮތުގައި ސަލާން ކުރުމުގެ ކަންތައްތަކުގައި ވެސް ވިސްނަންވީ އަބަދުވެސް އަތްދޮވެގެން ސާފުތާހިރުކޮށް ތިބެންށެވެ.
ކޮރޯނާ ވައިރަސް ހުރިކަމުގެ އަލާމާތްތަކެއް ފެނިގެން މިދިޔަ ދެ ދުވަހުގެ ތެރޭގައި ދެ މީހަކު ވަނީ ކަރަންޓީނުކޮށްފަ އެވެ. އަދި ވ. ތިނަދޫގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އިޓަލީގެ ޓޫރިސްޓެއްގެ ގައިންވެސް އެފަދަ އަލާމާތްތަކެއް ފެނުމުން، އެ މީހާ މިއަދު ވަނީ ކަރަންޓީނުކޮށްފަ އެވެ.
ކަރަންޓީނު ކުރި މީހުންގެ ތެރެއިން އިޓަލީއިން ރާއްޖެ އައި ދިވެހި މީހާގެ ޓެސްޓް ނެގެޓިވް ވުމުން އޭނާ ވަނީ މިހާރު ކަރަންޓީނުން ދޫކޮށްލައިފަ އެވެ.
ރާއްޖެ އަޅާފައިވާ ފިޔަވަޅުތައް:
ޗައިނާއިން ސީދާ ފްލައިޓްތައް އައުން މަނާކުރުން.
- ޗައިނާއިން އަންނަ މީހުން ރާއްޖެ ވަނުން މަނާކުރުން.
- ކްރޫޒްލައިނާތައް ރާއްޖެ ވަނުން ވަގުތީ ގޮތުން މަނާކުރުން.