ޅ. ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކޮށްފައި ގައުމަށް އެނބުރި ދިޔަ ފަހުން، ކޮވިޑް-19 އަށް ޓޫރިސްޓަކު ޕޮޒިޓިވްވެފައި ވާތީ، ފިޔަވަޅުތައް އަޅައި އޭނާއާ ކޮންޓެކްޓްވި އެންމެން ސްކްރީން ކުރަން ފަށައިފި އެވެ.

ޅ. ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް "ސަން" އަށް ވިދާޅުވީ ކުރެއްދޫ ރިސޯޓްގައި މިފަހުން ޗުއްޓީ ހޭދަކުރި ފަތުރުވެރިޔަކު ބަލިވެގެން ރިސޯޓުގެ ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ.

އަދި މިހާރު އެ ޑޮކްޓަރުގެ ފަރާތުން ކޮވިޑް19ގެ އަލާމާތްތައް ފެނިގެން އޭނާ އެކަހެރިކުރުމަށް ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދަން މަސައްކަތް ފަށާފައިވާ ކަމަށް ވެސް ކަައުންސިލް ރައީސް ވިދާޅުވި އެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓަކީ ނައިފަރުގެ ގިނަ އަދަދެއްގެ ޒުވާނުން މަސައްކަތް ކުރަމުން އަންނަ ރިސޯޓެކެވެ.

ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ވެސް ބުނީ، އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން މިވަގުތު ނައިފަރުގައި ތިބި ފަރާތްތަކާ އަދި އޭގެ އެއްވެސް މުވައްޒަފަކާ ކޮންޓެކްޓް ވެފައިވާ ފަރާތްތައް، ކޮވިޑް19 ގެ އެއްވެސް އަލާމާތެއް ހުރިކަން ފާހަގަ ކުރެވިއްޖެނަމަ ޅ. އަތޮޅު ހޮސްޕިޓަލްގެ ނަމްބަރު 6620048 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.

ކައުންސިލުން ބުނީ ބައްޔަށް ޝައްކުކުރެވޭ އެއްވެސް ފަރާތެއް ނައިފަރަށް ގެނެވިފައިނުވާކަމަށެވެ.

ކުރެއްދޫގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރި މީހާ ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަން ސަރުކާރުން ވެސް ވަނީ ހާމަކޮށްފައެވެ.

ކޮވިޑް19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮރޯނާއަށް ޕޮޒިޓިވް ވެފައިވާކަން އަންގާފައި ވަނީ އެ ފަތުރުވެރިޔާ އަމިއްލައަށް ކަމަށެވެ.

އެހެންކަމުން އޭނާއާ ކޮންޓެކްޓުވި އެންމެން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ޝައްކު ކުރެވިގެން އެކަހެރި ކުރެވުނު ރިސޯޓުގެ ޑޮކްޓަރުގެ ނަތީޖާ ލިބެންދެން އެ ރިސޯޓަށް މީހުން އަރައި ފޭބުން ވަގުތީ ގޮތުން މެދުކަނޑާާލައިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެއީ ވަގުތީ ފިޔަވަޅެއް ކަމަށާއި، އެ ރިސޯޓު އަދިވެސް އޮތީ ވައިޓް އެލާޓުގައި ކަމަށެވެ. އަދި މާދަމާ ވެސް ޓެސްޓުތަކުގެ ނަތީޖާ އަންނަ ގޮތަކުން އެ ހާލަތު މުޅިން ބަދަލުވާނެ ކަމަށެވެ.

"މިއީ ވަގުތީ ޑިޒިޝަނެއް އަޅުގަނޑުމެން ދެން ނަގާނެ ފިޔަވަޅެއް އެނގޭނީ މާދަމާގެ ރިޒަލްޓަށް ފަހު،" މިނިސްޓަރު ވިދާޅުވިއެވެ.

ކުރެއްދޫ ރިސޯޓުގެ އިތުރުން، ވ. ތިނަދޫއިން ވެސް ބައްޔަށް ޝައްކު ކުރެވޭ މީހެއްގެ ޓެސްޓު ނަތީޖާ ލިބެންދެން އެ ރަށަށް ވެސް މީހުން އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.