ކ. ދިއްފުއްޓާ ދިމާ ބޭރުން ކަނޑުމަތީގައި މަރުވެފައިވާ އޮތް މީހެއްގެ ހަށިގަނޑު މިއަދު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އޮފް ޕޮލީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އެމީހާގެ ހަށިގަނޑު ފެނުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި މަރުވެ ކަނޑުތެރޭގައި ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ މީހާގެ ހަށިގަނޑުގެ ވަރަށް ބޮޑަށް ހަލާކުވެ، ހަށިގަނޑުގެ ބައެއް ބައިތައް ވެސް ވަކިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެއީ އަންހެނެއް ކަމެއް ނުވަތަ ފިރިހެނެއް ކަމެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.
ޝިޔާމް ވިދާޅުވީ އެމީހާ މިއަދު މެންދުރުގެ ވަގުތެއްގައި މާލެ ގެނެސް އިތުރަށް ތަހްލީލު ކުރަމުން އަންނަ ކަމަށާއި އެކަމުގެ ތަފްސީލް ފަހުން ދެއްވާނެ ކަމަށެވެ.