ލަންޑަން (މާޗް 6): އިނގިރޭސިވިލާތުގެ ސިޓީ އޮފް ލަންޑަން ކޯޕަރޭޝަން (ސީއެލްސީ)އިން މިޔަންމާގެ ލީޑަރު އަންގް ސަން ސޫޗީއަށް ދިން ޝަރަފު އަތުލައިފި އެވެ.

ސީއެލްސީން ސޫޗީއަށް ދިން "ފްރީޑަމް އޮފް ދަ ސިޓީ" ޝަރަފު އަތުލީ މިޔަންމާގައި ރޮހިންގާ މުސްލިމުންނާ މެދު އަމަލުކުރާ ގޮތުގެ ސަބަބުން ކަމަށް ސީއެލްސީ ކޮމިޓީން ބުންޏެވެ.

"މިއަދުގެ ނިންމުމުން ދައްކުވައި ދެނީ މިިޔަންމާގައި [ރޮހިންގާ މުސްލިމުންނަށް] ކުރާ އަނިޔާތައް ސިޓީ ކޯޕަރޭޝަނުން ކުށްވެރިކުރާކަން،" ސީއެލްސީ ކޮމިޓީގެ ޗެއާމަން ޑޭވިޑް ވޫޓަން ވިދާޅުވި އެވެ.

ސީއެލްސީން 2017 ވަނަ އަހަރު ސޫޗީއަށް އެ ޝަރަފު ދިނީ "ޑިމޮކްރެސީގެ ދިފާއުގަ އާއި ރައްޔިތުންނަށް ސުލްހަވެރިކަމާއި ރައްކާތެރިކަމާއި މިނިވަންކަމާއެކު ދިރިއުޅެވޭނެ ގޮތެއް ފަހި ކޮށްދިނުމަށް އެތައް އަހަރެއް ވަންދެން އެކަމަނާ ކުރައްވާފައިވާ މަސައްކަތްތައް ފާހަގަ ކުރުމުގެ" ގޮތުންނެވެ.

މީގެ ކުރިން އެ ޝަރަފު ހާސިލުކޮށްފައިވާ ލީޑަރުންގެ ތެރޭގައި ކުރީގެ އިނގިރޭސި ބޮޑުވަޒީރު ވިންސްޓަން ޗާޗިލް އާއި ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ އާއި ސައިންޓިސްޓު ސްޓީވެން ހޯކިން ހިމެނެ އެވެ.

ރޮހިންގާ ދަރިކޮޅުގެ މީހުން މިޔަންމާގައި ދިރިއުޅޭތާ ގަރުނުތަކެއްވެފައިވީ ނަމަވެސް އެ ގައުމުގެ އާބާދީގެ ބޮޑުބައެއް ކަމަށްވާ ބުޑިސްޓުން ދެކޭ ގޮތުގައި ރޮހިންގާ ދަރިކޮޅުގެ މީހުންނަކީ އެގައުމަށް އަރާ ތިބި ބަންގުލަދޭޝްގެ ބަޔެކެވެ. އަދި މިޔަންމާގެ ސަރުކާރުން ވަނީ ރޮހިންގާ ދަރިކޮޅުގެ މީހުންނަށް ރަށްވެހިކަން ދިނުމާއި މިނިވަންކަމާ އެކު ދަތުރުފަތުރު ކުރުން ފަދަ ހައްގުތައް ނިގުޅައިގަނެފަ އެވެ.

މީގެ އިތުރުން، މިޔަންމާގައި ގިނަ އަދަދެއްގެ ރޮހިންގާއިން ދިރިއުޅޭ ރާހިން ސްޓޭޓުގައި 2017 ވަނަ އަހަރު އެގައުމުގެ އަސްކަރިއްޔާއިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ބައެއް އަވަށްތައް އެއްކޮށް އަންދާ، އާންމު ރައްޔިތުންނަށް އަނިޔާކޮށް، ރޭޕްކޮށް، މެރި ކަމަށް އދ.ގެ އިންވެސްޓިގޭޓަރުން ބުންޏެވެ.

އެ ދުވަސްވަރު މިޔަންމާގައި ރޮހިންގާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ގަތުލްއާންމެއް ހިންގި ކަމަށް ބުނެ ގެމްބިއާއިން ވަނީ އެ މައްސަލަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅާފަ އެވެ. އަދި އެ މައްސަލާގައި ސޫޗީ ވަނީ މިދިޔަ ޑިސެމްބަރު މަހު އައިސީޖޭއަށް ވަޑައިގެން މިޔަންމާ ދިފާއު ކުރައްވާފަ އެވެ.

މީގެ ކުރިން ޑިމޮކްރެސީގެ ރަމްޒެއްގެ ގޮތުގައި ސިފަކޮށްފައިވާ ސޫޗީގެ ފަރާތުން ރޮހިންގާ މައްސަލައިގައި އިތުރު ޝަރަފުތައްވެސް އަތުލާފައިވެ އެވެ. އޭގެ ތެރޭގައި އެމްނެސްޓީން ދިން އެމްބެސެޑާ އޮފް ކޮންޝަންސް އެވޯޑާއި ކެނެޑާއިން ދިން އޮނަރަރީ ސިޓިޒެންޝިޕާއި އޮކްސްފޯޑުން ދިން ފްރީޑަމް އޮފް ދަ ސިޓީ ޝަރަފު ހިމެނެ އެވެ.