އިޓަލީއިން އައިތަނުން، ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސްއަށް ޝައްކު ކުރެވިގެން ކަރަންޓީނު ކުރި ދިވެހި މީހާ އެ ބައްޔަށް ނެގެޓިވްވެފައި ވާތީ އޭނާ ކަރަންޓީނުން ދޫކޮށްލިއިރު، އިތުރު ދިވެއްސަކު އެ ބައްޔަށް ޝައްކުވެގެން އެކަހެރި ކޮށްފި އެވެ.

އެޗްޕީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އިޓަލީއިން އައި ދިވެހި މީހާގެ ގައިން ކޮވިޑް-19ގެ އަލާމާތްތަކެއް ފެނުމުން އޭނާ އެކަހެރިކޮށް އެ ވައިރަހަށް ޓެސްޓް ހަދާފައިވާ ކަމަށެވެ. އަދި އެ ޓެސްޓް ނެގެޓިވް ވެފައިވާތީ، އޭނާ މިހާރު ކަރަންޓީނުން ދޫކޮށްލާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

ކޮވިޑް-19ގެ އަލާމާތްތަކެއް ހުރި އިތުރު ދިވެއްސަކު މިއަދުގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ. އެހެން ކަމުން، އޭނާ އެކަހެރިކޮށް ޓެސްޓްތައް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި އެ ޓެސްޓްތަކުގެ ނަތީޖާ ލިބުނުހާ އަވަހަކަށް އާންމު ކުރާނެ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ، ކޮވިޑް-19 އާ ގުޅިގެން މީހަކު އެކަހެރިކޮށްފި ނަމަ، އެމީހާ ދިރިއުޅޭ ގޭގެ މީހުންނާއި އެމީހާއާއެކު ވަގުތު ހޭދަކޮށްފައިވާ މީހުންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެ އޭޖެންސީއިން އަޅަމުން ގެންދާނެ ކަމަށެވެ.

މީގެ ކުރިންވެސް، ތިން ދިވެއްސަކު ކޮވިޑް-19 އަށް ޝައްކު ވެގެން އެކަހެރި ކުރި އެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް މީހެއްގެ ޓެސްޓްގެ ނަތީޖާ ޕޮޒިޓިވްވެފައެއް ނުވެ އެވެ.

އިޓަލީ އަކީ ބަލި ފުރަތަމަ ފެނުނު ގައުމު ކަމުގައިވާ ޗައިނާއަށް ފަހު ބަލީގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާ ގައުމެވެ. އިޓަލީގައި ކޮވިޑް19 ޖެހިގެން 107 މީހަކު ވަނީ މަރުވެފަ އެވެ.