05 Mar 2020, 23:57
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއަށް ދިނުމަކީ ކޯލިޝަންއާ ހިލާފު ކަމެއް ނޫން ކަމަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ އޭރުގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓުން ވެރިކަމަށް ވަޑައިގެންނެވީ ގުޅިފައިވާ ޕާޓީތަކުން އެކުލަވާލާފައިވާ ކޯލިޝަންނެއްގެ ތެރެއިން އެއްބަސްވެގެންނެވެ.
މިރޭ ދަރުބާރުގޭގައި ރ. އަތޮޅު އެމްޑީޕީ ކައުންސިލް އިންތިހާބު ކެމްޕެއިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައިސް ސޯލިހް ވިދާޅުވީ، ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް ކައުންސިލް އިންތިހާބު މެޖޯރިޓީ އެމްޑީޕީއަށް ލިބެން ޖެހޭ ކަމަށެވެ. އަދި އެއީ ރިޔާސީ ކެމްޕެއިންގައި ކުރި މަސައްކަތާ ފުށު އަރާނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ ވެރިކަމަށް ތިބޭފުޅުން އަޅުގަނޑު ހޮއްވެވީ ކޯލިޝަންއެއްގެ ތެރެއިން. އެހެން ނަަވެސް މި ލާމަރުކަޒީ ނިޒާމް ތަންފީޒުކުރަން ބޭނުން ނަމަ، އެމްޑީޕީއަށް އެބަ ޖެހޭ ކައުންސިލްތަކުގެ މެޖޯރިޓީ ހޯދައިދޭން. މިއީ އަޅުގަނޑުމެން ވެރިކަމަށް އައުމަށް ކުރެއްވި މަސައްކަތާ ފުށުއަރާ ކަމެއްކަމަށް އަޅުގަނޑު ހަމަ ގައިމުވެސް ނުދެކެން،"ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް މިރޭގެ ބައްދަލުވުމުގައި ވާހަކަދައްވަނީ --- ސަން ފޮޓޯ
ކޯލިޝަނަށް ބުރޫ ނާރާނެ ކަމަށް ރައީސް ވިދާޅުވިއިރު، ކޯލިޝަންނުން ވަނީ ރިޔާސީ އިންތިހާބުގެ އިތުރަށް މަޖިލިސް އިންތިހާބު 2019 އާއި ކައުންސިލް އިންތިހާބު 2020އަށް ވެސް އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެފަ އެވެ. ނަމަވެސް މަޖިލިސް އިންތިހާބުގައި ޕާޓީތަކުން ވާދަކުރާނެ ގޮތަކާމެދު ދެބަސްވެ، އިންތިހާބަށް ނުކުތީ ކޮންމެ ޕާޓީއެއް ވަކިވަކިންނެވެ.
ލާމަރުކަޒީ ނިޒާމަކީ އެމްޑިޕީގެ އެއްޗެއްކަމަށް ވިދާޅުވާ ވިދާޅުވުން މިރޭގެ ބައްދަލުވުމުގައިވެސް ތަކުރާރު ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި ބަދަލުތަކާއެކު ހަގީގީ ފައިދާ ކުރާނީ އެމްޑީޕީ ކެންޑިޑޭޓުން އިންތިހާބު ކޮށްގެން ކަމަށެވެ. އަދި އެ ނިޒާމަށް ފަރިތަ ބަޔަކީ އެމްޑިޕީ ކަމަށާއި އެހެން ކަމުން އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އަޅުގަނޑު ދެކޭ ގޮތުގައި އެ ދެ އިންތިހާބަށްވުރެ [ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބަށް ވުރެ] ބައެއްފަހަރު މުހިންމު. އަޅުގަނޑުމެން [ގާނޫނަށް] މިގެނައި ބަދަލުގެ ފޮނި މީރުކަން ލިބޭނީ މި އިންތިހާބު ކާމިޔާބުކޮށްގެން،" ރައީސް ވިދާޅުވި އެވެ.

މިރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން ރައީސް ސޯލިހް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ
ރައީސް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް މިފަހުން ގެނައި ބޮޑެތި ބަދަލުތަކަކީ މީގެ ކުރިން ދުވަހަކުވެސް ސަރުކާރަކުން ދޫކޮށްފައި ނުވާ ބާރުތަކެއް ކަމަށެވެ. އެގޮތުން ގާނޫނީ ގޮތުން ކަންކަން ތަންފީޒު ކުރުމުގެ ބާރާއި މާލީ ފުދުންތެރިކަމުގެ ބާރު މިހާރު އެ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ދޫކޮށްފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.
"ބަދަލުތައް ގެނައުމުގެ މަޝްވަރާތައް ކުރެވުނު، ބައެއް ބޭފުޅުން ލަފާ ދެއްވި ކީއްކުރަންހޭ ތިހާ ބޮޑެތި ބާރުތައް ދޫކޮށްލައްވަނީ. ވެރިކަމުގައި ހުންނަން ބޭނުންނަމަ، ބާރުތައް އަތުގައި އޮންނަން ޖެހޭ ކަމަށް[ލަފާ ދެއްވި]. އަޅުގަނޑަކަށް އެކަމަކާ އެއްބަހެއް ނުވަން. އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑަކީ ތިބޭފުޅުންގެ ހާދިމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ، އެމަނިކުފާނު އިންތިހާބު ކުރެއްވީ ރައްޔިތުން ބޭނުންވާ ކަންތައްތައް ކުރަން ރައްޔިތުން ކަމަށާއި ދެމިހުންނަވާނީވެސް ރައްޔިތުން ބޭނުންވާ ކަންތައްތައް ކުރުމުގައި ކަމަށެވެ.

ރައީސް ސޯލިހް މިރޭގެ ބައްދަލުވުމުގައި ވާހަކަދައްވަނީ --- ސަން ފޮޓޯ
ރައީސް ސޯލިހް އިތުރަށް ވިދާޅުވީ، ވެރިކަމަށް އަންނަން މަސައްކަތް ކުރި އިރުގައި ގައުމު އޮތް ހާލަތު ކޮންމެ ރައްޔިތަކަށް ވެސް ސާފުވާނެ ކަމަށެވެ. އޭރުގެ ސަރުކާރުގެ ތެރޭގައި އޮތް ކޮރަޕްޝަނާއި، ޝަރުއީ ދާއިރާގެ ހާލަތާއި، ތައުލީމާއި ސިއްހީ ދާއިރާ އަދި ބޯހިޔާވަހިކަމުގެ މައްސަލަތައް ގޮސްފައިވާ ހިސާބު ވަރަށް ރަނގަޅަށް ރައްޔިތުންނަށް އެނގޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މި ސަރުކާރު ވެރިކަމަށް އައިސް އެކަންކަން ދުވަހަކަށް ވުރެ، ދުވަހެއް ރަނގަޅުކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި، އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ރ. އަތޮޅު އެމްޑީޕީ މަޖިލިސް ތިން މެމްބަރުން އަދި މާލޭގައި ދިރިއުޅުއްވާ ރ. އަތޮޅު ރައްޔިތުން ބައިވެރިވި އެވެ. އަދި އޭގެ އިތުރުން ރ. އަތޮޅު ބައެއް ކެންޑިޑޭޓުންވެސް ވަނީ ބައްދަލުވުމުގައި ވާހަކަ ދައްކަވާފަ އެވެ.
އަންނަ މަހު ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބަށް 980 ބޭފުޅުން އިންތިހާބު ކުރާއިރު، އެމްޑީޕީން 876 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. ޖުމްލަ އެ އިންތިހާބަށް ވާދަކުރަނީ، 2400 އެއްހާ ކެންޑިޑޭޓުންނެވެ.