ހާއްސަ އެހީއަށް ބޭނުންވެފައިވާ މީހުންނަށް ސަލާމަތްކަން ހޯދައިދޭނެ ނިޒާމެއް ރާއްޖޭގައި ގާއިމްވެފައިނެތް ކަމަށާއި މިހާރު ހުރި އެފަދަ ގާނޫނުތަކާއި ގަވާއިދުތައް ވެސް އޭގެ އަސްލު ރޫހުގައި ތަންފީޒު ނުކުރެވޭ ކަމަށް ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިން ބުނެފި އެވެ.

އިންސާނީ ހައްގުތަކުގެ ބައިނަލްއަގުވާމީ ދުވަހާއި، އެޗްއާރުސީއެމް އުފެދުނުތާ އަށް އަހަރު ފުރުން ފާހަގަކޮށް، އެކޮމިޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހާއްސަ އެހީއަށް ބޭނުންވެފައިވާ މީހުނަށް ރައްކާތެރިކަމާއި އަޅާލުން ފޯރުކޮށްދިނުމަކީ ދައުލަތުގެ ފަރާތްތަކުން އިސްކަންދީގެން ކުރަންޖެހޭ ކަމެއް ކަމުގައިވާއިރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހާއްސަ އެހީއަށް ބޭނުންވެފައި މީހުންގެ ތެރެއިން، އަދިވެސް ދުވަސްވީ މީހުންނާއި، ފަގީރުންނާއި، ޔަތީމު ކުދިންނާއި، ބުއްދި ހަމަނުޖެހޭ މީހުންގެ ނުކުޅެދުންތެރިކަމުގެ ނާޒާއިޒް ފައިދާ އެކި ފަރާތްތަކުން ނަގަމުން އަންނަ ކަމަށެވެ. ނަމަވެސް އެފަރާތްތަކަށް ސަލާމަތްކަން ހޯދައިދޭނެ ނިޒާމެއް ރާއްޖޭގައި އަދިވެސް ގާއިމްކޮށްފައިނުވާ ކަން އެކޮނމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

" އެފަދަ ފަރާތްތައް ސަލާމަތުން ބައިތިއްބާނެ އެކަށީގެންވާ ތަންތަނާއި ވަސީލަތްތައް ގާއިމްކުރަން ވަނީ ޖެހިފައި، އަދި އެފަދަ ފަރާތްތަކަށް ގާނޫނުތަކުން ލިބިދީފައިވާ ރައްކާތެރިކަމާއި އަޅާލުން އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ވަނީ ޖެހިފައި،" އެބަޔާނުގައިވެ އެވެ.

އިންސާނީ ހައްގުތަކަކީ ވަކި ތަނަކަށް، ވަކި ބަޔަކަށް ހާއްސަވެގެންވާ އެއްޗެއް ނޫން ކަމަށާއި އެއީ މުޅި މުޖުތަމައުގައި ދިރިއުޅޭ އެންމެންނަށްވެސް ލިބެންޖެހޭ، ނިގުޅައި ނުގަނެވޭނެ އަދި ބައިބައި ނުކުރެވޭނެ ހައްގުތަކެއް ކަމުގައި ވެ އެވެ.
ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ބޭނުންވާ ގޫނޫނުތައް އަވަހަށް ވުޖޫދަށް އައުމަކީ ނުހަނު މުހިންމު ކަމަކަށްވާއިރު ދައުލަތުގެ މެދުގަ އާއި ސިޔާސީ ޕާޓީތަކުގެ މެދުގައި، ގައުމީ މަސްލަހަތު އިސްކޮށް އެކުވެރި ރޫހެއްގައި މަޝްވަރާކޮށްގެން، ރައްޔިތުންނަށް ބޭނުންވާ މުހިންމު ގާނޫނުތައް ހެދުމުގެ މަސައްކަތާއި، ފާސްކުރުން އަވަސްކޮށްދިނުމަކީ ރައްޔިތުންގެ މަޖިލީހުން އިންސާނީ ހައްގުތަކަށް ކޮށްދެވޭނެ އަގުހުރި ހިދުމަތެއް ކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފަ އެވެ.

" ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްތަކާ އިންސާނީ ހައްގުތައް ވަނީ ވަރަށް ބޮޑަށް ގުޅިފައި، އެގޮތުން ސިއްހީ ހިދުމަތާއި، ތައުލީމާއި، ބޯހިޔާވަހިކަމާއި، މިފަދަ ހައްގުތައް އޭގެ އެންމެ ފެންވަރުގައި ލިބިދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު ޒިންމާއް، އަދި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ބޭނުންވާ ގާނޫނުތައް އަވަހަށް ވުޒޫދަށް އައުމަކީ ވެސް ނުހަނު މުހިންމު ކަމެއް،" އެ ނޫސްބަޔާނުގައިވެ އެވެ.

އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަކީ ވަކި ބަޔަކު ކުރަންޖެހޭ ކަމެއް ނޫންކަން ބަޔަނާކޮށް، އެކޮމިޝަނުން ބުނެފައި ވަނީ އެންމެ ހިދުކޮޅަކަށް ނަމަވެސް ހައްގުތަކަށް އިހްތިރާމް ނުކުރެވިއްޖަނަމަ، ފޫނުބެއްދޭނެ ފަދަ ގެއްލުންތަކާ ކުރިމަތިލާންޖެހޭ އެތައް ރައްޔިތުންތަކެއް ވާނެ ކަން ހަނދާން ކުރަންޖެހޭ ކަމަށެވެ. އަދި ގައުމުގެ އިގުތިސާދީ އަދި ސިޔާސީ ހަމަނުޖެހުމަކީ ވެސް އިންސާނީ ހައްގުތަކަށް ނުފޫޒުފޯރާ ކަމެއް ކަމުގައިވެސް އެބަޔާނުގައިވެ އެވެ.

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ އާއްމު ގަރާރުގައިވާ ގިނަ ހައްގުތަކާއި މިނިވަންކަމުގެ މިންގަނޑުތަކަކީ ރާއްޖޭގެ ގާނޫނު އަސާސީގެ މައިގަނޑު އެއްބައި ކަމުގައިވާއިރު އޭގެ މަންފާ ރައްޔިތުންނަށް ލިބިދެވޭނެ މަގުތައް ތަނަވަސް ކުރަންޖެހިފައިވާކަން އެޗްއާރުސީއެމުން އެބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.