05 Mar 2020, 19:43
އެކި ކަހަލަ ރޯގާ ފަދަ ކޭސްތައް އިތުރުވާއިރު އެކަމަށް ބޭނުންވާ ބޭސްތައް ގެނައުމުގައި އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެސްޓީއޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސްޓީއޯ މެޑިކަލްގެ ސީނިއާ ޖެނެރަލް މެނޭޖަރު އަހުމަދު ޝިފާން ވިދާޅުވީ ރޯގާއެއް ޖެހިއްޖެ ހާލަތެއްގައި ބޭހުގެ ބާވަތް ފޯރުކޮށްދިނުމުގައި އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ ގޮތަށް އެސްޓީއޯއިން ކަންކަން ރާވާފައިވާ ކަމަށެވެ.
އެގޮތުން އިންޑިއާއިން ލިމިޓުކޮށްފައިވާ ބޭސްތައް ގެނައުމަށްޓަކައި އެހެން ދިމާލުން އެ ބޭސްތައް ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެންމެ ގޯސް ހާލަތެއް ދިމާވި ނަމަވެސް އެފަދަ ހާލަތެއްގައިވެސް ސްޓޮކް ލިބޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ކޮވިޑް-19 ފެތުރޭ ދުވަސްވަރު ވީމައި ރައްކާތެރިވުމަށް ބޭނުންވާ މާސްކާއި ހޭންޑް ސެނިޓައިޒާ، ރައްޔިތުންނަށް ބޭނުންވާ ވަރަށް އެބަހުރި ކަމަށެވެ.
އެހެންނަމަވެސް ބަލި ނުޖެހޭ މީހުން ހުރިހާ މާސްކެއް އަޅައި ގެއަށް ސްޓޮކް ގަނެފައި ބަހައްޓާ ކަމަށްވާނަމަ އާންމުންނަށް އޭގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމަށް އަމްރު އިޝާރާތްކުރެއްވިއެވެ.