ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް، ކޮވިޑް-19ގެ ސަބަބުން ގިނަ ގައުމުތަކުގައި ވަނީ މީހުން އާއްމުކޮށް އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށާއި ދަތުރުފަތުރު މަދު ކުރަން އެދިފަ އެވެ. އަދި އެގައުމުތަކުގައި ދީނީ މިނިސްޓްރީތަކާއި އިލްމުވެރިންވެސް ދަނީ މި ދަނޑިވަޅުގައި މީހުން އަމަލު ކުރާނެ ގޮތާ ބެހޭ ގޮތުން ލަފާ ދެމުންނެވެ. އެގޮތުން ބައެއް ގައުމުތަކުގައި މުސްލިމުންނާ ގުޅުން ހުރި ކަންކަމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި؛

ސައުދީ އަރަބިއާގައި އުމްރާ ކުރުން ހުއްޓާލުން

މިދިޔަ އަންގާރަ ދުވަހު ސައުދީ އަރަބިއާއިން ކޮރޯނާވައިރަސް ފެނުނު ފަހުން އެގައުމުން ވަނީ އުމްރާ ކުރުން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފަ އެވެ. މީގެ ކުރިން އެގައުމުން ނިންމާފައި އޮތީ ބޭރު ގައުމުތަކުގެ ރައްޔިތުންނަށް އުމްރާ ނުކުރެވޭ ގޮތަށް ހަދާށެވެ. ނަމަވެސް އިއްޔެ ސައުދީން ވަނީ އެ ގައުމުގެ ރައްޔިތުންވެސް އުމްރާ ނުކުރަން އަންގާފަ އެވެ.

ސައުދީގައި މިހާތަނަށް ދެ މީހަކު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

ކޮވިޑް-19 ފެތުރިދާނެތީ ސައުދީން ވަނީ އުމްރާ ކުރުން ހުއްޓާލަން ނިންމާފަ -- ފޮޓޯ: އޭއެފްޕީ

އީރާނުގެ ބޮޑެތި ސިޓީތަކުގައި ހުކުރު ނަމާދު ކުރުން ހުއްޓާލުން

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ ގައުމު ކަމަށްވާ ޗައިނާއަށް ފަހު، އެ ބަލި އެންމެ ގިނައިން ފެނިފައިވާ ގައުމުތަކުގެ ތެރޭގައި އީރާން ހިމެނެ އެވެ. އެގޮތުން އެގައުމުގެ 3,513 މީހުން ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 107 މީހަކު މަރުވެފައިވެ އެވެ.

އޭގެ ސަބަބުން އީރާނުން ވަނީ އެގައުމުގެ ހުރިހާ ޕްރޮވިންސެއްގެ ވެރިރަށުގައި ހުކުރު ނަމާދު ކުރުން މިދިޔަ ހަފްތާގައި ހުއްޓުވާ، މިއަދުވެސް އެ މިސްކިތްތަކުގައި ހުކުރު ނަމާދު ނުކުރަން އަންގާފަ އެވެ.

ސިންގަޕޫރުގައި މިސްކިތަށް ދާއިރު އަމިއްލަ މުސައްލަ ގެންދިޔުން ،ސަލާން ނުކުރަން އެދުން

ސިންގަޕޫރުގެ ސްޓްރެއިޓްސް ޓައިމްސްގައިވާ ގޮތުން މިދިޔަ މަހު އެގައުމުގެ މުސްލިމް އެފެއާޒް މިނިސްޓަރު މަސާގޮސް ޒުލްކިފްލީ ވަނީ މިސްކިތަށް ދާ އިރު ކޮންމެ މީހަކުވެސް އަމިއްލަ މުސައްލަ ގެންދިޔުމަށާއި އަތް ޖޯޑުކޮށް ސަލާން ނުކުރުމަށް އެދިފަ އެވެ. އަދި ކޮވިޑް-19ގެ އަލާމާތްތައް ފެނިއްޖެ ނަމަ މިސްކިތަށް ނުގޮސް، ގޭގައި މަޑު ކުރުމަށްވެސް ޒުލްކިފްލީ އެދިވަޑައިގަތެވެ.

ސިންގަޕޫރުގައި މިހާތަނަށް 117 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވެ އެވެ.

ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ޝިފާ ދެއްވުން އެދި، އިންޑިއާގެ އަހުމަދުއާބާދުގެ މިސްކިތެއްގައި ދުއާ ކުރަނީ -- ފޮޓޯ: ރޮއިޓާސް

ސާފުތާހިރުވުމުގެ އިރުޝާދުތަކަށް ބޯލަނބަން ޔޫކޭގެ މުސްލިމް ކައުންސިލުން ގޮވާލުން

އިނގިރޭސިވިލާތުގައި ސާފުތާހިރުވުމާ ބެހޭ ގޮތުން ސަރުކާރުން އާއްމުކޮށްފައިވާ އިރުޝާދުތަކަށް މިސްކިތްތަކާއި ސްކޫލުތަކުން އަމަލު ކުރުމަށް އެގައުމުގެ މުސްލިމް ކައުންސިލް (އެމްސީބީ)އިން ވަނީ ގޮވާލާފަ އެވެ. އަދި ސަރުކާރުން ސާފުތާހިރުވުމާ ބެހޭ ގޮތުން އާއްމުކޮށްފައިވާ އިރުޝާދުތަކަކީ އިސްލާމް ދީނުގައިވެސް ބާރުއަޅާ ކަންތައްތައްކަން ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން އެމްސީބީން ވަނީ މިސްކިތްތަކުގައި އެންމެންނަށް ބޭނުން ކުރެވޭ ވަރަށް ސައިބޯންޏާއި ސެނިޓައިޒާ ބެހެއްޓުން މުހިއްމު ކަމަށް ބުނެފަ އެވެ.

އިނގިރޭސިވިލާތުގައި 90 މީހުން ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

ތަޖިކިސްތާނުގައި ހުކުރު ނަމާދަށް މިސްކިތަށް ނުދިޔުމަށް އެދުން

ތަޖިކިސްތާނުގައި އަދި އެއްވެސް މީހަކަށް ކޮވިޑް-19 ޖެހިފައި ނުވި ނަމަވެސް އެގައުމުން ވަނީ މިއަދު އެގައުމުގެ ރައްޔިތުން ހުކުރު ނަމާދަށް މިސްކިތަށް ނުދިޔުމަށް އެދިފަ އެވެ.

ތަޖިކިސްތާނުގެ ސްޓޭޓް ކޮމިޓީ އޮން ރިލިޖަސް އެފެއާޒް އިން ވަނީ އެގައުމުގެ މީހުން މިސްކިތަށް ދިޔުން އަދި މަނާކޮށްފައި ނުވި ނަމަވެސް، އެ ގައުމުގެ ބައެއް އިމާމުން އެ ފިޔަވަޅު އެޅުމަށް އެދިފައިވާ ކަމަށް ބުނެފަ އެވެ.

ނުވަ މިލިއަން މީހުންގެ އާބާދީއެއް އޮންނަ ތަޖިކިސްތާނުން ވަނީ އަވަށްޓެރި ޗައިނާގެ އިތުރުން 34 ގައުމަކުން އެގައުމަށް މީހުން ދިޔުން މަނާކޮށްފަ އެވެ.