10 Dec 2011, 10:51
ޖީއެމްއާރުން ނަގަން އުޅުނު 25 ޑޮލަރުގެ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް ނުގެނޭނެ ކަމަށް ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމާ ގުޅިގެން އެކުންފުނީގެ ހިއްސާގެ އަގު އިއްޔެ ވެއްޓިއްޖެ އެވެ.
ޖީއެމްއާރުގެ ހިއްސާގެ އަގު އިންޑިޔާގެ ނޭޝަނަލް ސްޓޮކް އެކްސްޗޭންޖްގައި އިއްޔެ ހުރީ 18.60 ރުޕީސް އަށް ކަމަށާއި އެއީ މީގެ 52 ހަފުތާކުރިން އެކުންފުނީގެ ހިއްސާއެއްގެ އަގު ހުރި މިންވަރު ކަމަށް އިންޑިޔާގެ ދަ އިކޮނޮމިކްސް ޓައިމްސް ބުންޏެވެ.
އެއާޕޯޓް ޑިވެލޮޕްމެންޓް ޗާޖްގެ ގޮތުގައި 25 ޑޮލަރު ނެގުން ހުއްޓުވުމަށް ގައުމީ ޕާޓީން މިދިޔަ މަހު ސިވިލް ކޯޓްގައި ދައުވާ ކުރުމުން، އިކޮނޮމިކް ޓައިމްސްގެ ރިޕޯޓެއްގައި ކުރިން ބުނެފައި ވަނީ ޖީއެމްއާރަށް އަހަރުގެ 25 މިލިޔަން ޑޮލަރުގެ މާލީ ގެއްލުމާ ކުރިމަތިވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ސިވިލް ކޯޓްގެ ހުކުމުގެ ކޮޕީއެއް ޖީއެމްއާރަށް އަދި ނުލިބޭ ކަމަށް އެކުންފުނިން އިއްޔެ ވަނީ ބުނެފަ އެވެ. އެކުންފުނީގެ ސީއީއޯ ސިދާރަތު ކަޕޫރު އިއްޔެ އީޓީއަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ސިވިލް ކޯޓްގެ ހުކުމުގެ ކޮޕީއެއް އަދި ނުލިބޭ ކަމަށާއި އެހުކުމް އެގޮތަށް އައި ކަމަށް ވިޔަސް ދިވެހި ސަރުކާރުން އެކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމަށް އިހުތިރާމް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ.
" ހުކުމުގެ ކޮޕީއެއް އަދި ކުންފުނީގެ މެނޭޖްމަންޓަކަށް ނުލިބޭ، އެކަމަކު އެއްބަސްވުމުގައިވާ ކަންތައްތަކަށް ދިވެހި ސަރުކާރުން އިހުތިރާމްކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް، " ސިދާރަތު ކަޕޫރު ވިދާޅުވި ކަމަށް އީޓީގައި ވެ އެވެ.
ޖީއެމްއާރުގެ ހިއްސާގެ އަގު ވެއްޓެމުން އަންނަތާ މިހާރު ހަފުތާތަކެއް ވެފައިވާ ކަމަށް އީޓީގައި ވެ އެވެ.
އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން އަންނަ މަހުން ފެށިގެން ފުރާ، ދެ އަހަރުން މަތީގެ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގުމަށް ޖީއެމްއާރުން ކަނޑައެޅި 25 ޑޮލަރުގެ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖު ނުނެގޭނެ ކަމަށް ދަށު ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.