05 Mar 2020, 14:40
މިއަދު އިޓަލީ އިން ރާއްޖެ އަށް ދަތުރުކުރި ދިވެއްސަކު ކޮވިޑް19 އަށް މޮނިޓާ ކުރުމަށް އެކަހެރިކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އިޓަލީ އަކީ ބަލި ފުރަތަމަ ފެނުނު ގައުމު ކަމުގައިވާ ޗައިނާއަށް ފަހު ބަލީގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާ ގައުމެވެ. އިޓަލީގައި ކޮވިޑް19 ޖެހިގެން 107 މީހަކު ވަނީ މަރުވެފައެވެ.
އެޗްޕީއޭއިން ބުނީ އެމީހާ ކޮވިޑް19 އަށް މޮނިޓާ ކުރުމަށް އެކަހެރިކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
އަވަށްޓެރި ގައުމުތަކުން ވެސް ކޮވިޑް19 ފެންނަމުން ދާތީ ބައްޔަށް ރާއްޖޭގައި ޓެސްޓު ކުރެވޭނެގޮތް ހަދާ، ސަރުކާރުން އަންނަނީ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.
އެގޮތުން ކޯވިޑް-19 ރާއްޖޭގައި އުޅޭތޯ އިތުރަށް ދެނެގަތުމަށް ބަލިއުޅޭ ގައުމަކަށް ދަތުރުކޮށްފައި ނުވިނަމަވެސް، ނިއުމޯނިއާ ނުވަތަ އަރިދަފުސްރޯގާ ޖެހި ސީރިއަސް ހާލަތަކަށްދާ ފަރާތްތައް ބައްޔަށް ޓެސްޓު ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
ހެލްތުން ބުނީ މިހާތަނަށް ކުރި ޓެސްޓްތަކުން އެއްވެސް ފަރާތެއް ބައްޔަށް ޕޮސިޓިވް ވެފައިނުވާ ކަމަށެވެ.
މުޅި ދުނިޔޭގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މިހާރު 95,000 އަށް ވުރެ އިތުރުވެފައިވާ އިރު، އޭގެ ސަބަބުން 3,287 މީހަކު ވަނީ މަރުވެފަ އެވެ. އަދި މަރުވި މީހުންގެ ތެރެއިން 3،013 މީހުންނަކީ ޗައިނާގައި ތިބި މީހުންނެވެ.