05 Mar 2020, 15:25
ލީމާ (5 މާޗް 2020) : ނަވާރަސަތޭކަ އަށްޑިހައިގެ އަހަރުތަކުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމު އަދާކުރެއްވި ހަވިއޭ ޕެރޭޒް ޑި ކުއެލާ އުމުރުން 100 އަހަރުގައި އަވަހާރަވެއްޖެ އެވެ.
ލެޓިން އެމެރިކާގެ ކުޑަ ގައުމެއްކަމަށްވާ ޕޭރޫގެ ޑިޕްލޮމެޓެއްކަމަށްވާ ޕެރޭޒް ޑި ކުއެލާ އަވަހާރަވީ މުސްކުޅިފުޅުވުމުގެ ސަބަބުން ކުރިމަތިވި ގުދުރަތީ މަރަކުންކަމަށް ޑޮކްޓަރުންނާ ހަވާލާދީ ޕޭރޫގެ ޚާރިޖީ ވުޒާރާއިން ބުނެ އެވެ. ޑި ކުއެލާ އދ.ގެ ސެކެރެޓަރީ ޖެނެރަލް ކަމުގެ މަގާމު އަދާކުރެއްވީ 1982 ން 1991 އަށެވެ. އެއީ ސެކްރެޓަރީ ޖެނެރަލް ކަމުގެ ދެދައުރެވެ. އަދި 1991ގައި ވަޒީފާ އިން މުސްކުޅިވެވަޑައިގަތުމަށް ފަހު އެނބުރި ޕެރޫ އަށް ވަޑައިގެން ޑި ކުއެލާ އަދާކުރައްވަމުން ގެންދެވީ އެގައުމުގައި ޑިމޮކްރަސީ ގާއިމުކޮށް ހަރުދަނާ ކުރުމުގެ މަސައްކަތެވެ.
ނަވާރަސަތޭކަ ވިހި ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ޑި ކުއެލާ ޑިޕްލޮމެޓިކް ދާއިރާގައި މަސައްކަތް ކުރަން ފެއްޓެވީ ޕޭރޫގެ ޚާރިޖީ ވުޒާރާގައި 1940 ވަނަ އަހަރު އެވެ. ޑި ކުއެލާ ފުރަތަމަ އަދާކުރެއްވި އިސް މަގާމުތަކުގެ ތެރޭގައި ސްވިޓްޒަލޭންޑް، ސޮވިއެޓް ޔުނިޔަން، ޕޮލެންޑް އަދި ވެނެޒުއެލާއަށް ކަނޑައަޅާފައިވާ ޕެރޫގެ އެންބެސެޑަރު ކަމުގެ މަގާމު ހިމެނެއެވެ. މީގެއިތުރުން އދ.ގައި ހުންނަވާ ޕެރޫގެ ދާއިމީ މަންދޫބު ކަމުގެ މަގާމު ވެސް ޑި ކުއެލާ އަދާކުރައްވާފައިވެ އެވެ.
ޑި ކުއެލާ އދ.ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމު އަދާކުރެއްވި ދުވަސްވަރަކީ އެމެރިކާއާއި ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދެމެދުގައި އެންމެ ވަރުގަދައަށް ފިނި ހނަގުރާމައިގެ ކޯޅުންތައް ހިނގަމުންދިޔަ ދުވަސްވަރެވެ. އީރާނާއި ޢިރާޤުގެ ހަނގުރާމަ ހިނގީ ވެސް އެދުވަސްވަރު އެވެ.
އީރާނާއި ޢިރާޤުގެ ހަނގުރާމަ ހުއްޓުވުމަށާއި އެމެރިކާއާއި ކުރީގެ ސޮވިއެޓް ޔުނިޔަންއާ ދެމެދު ކުރިޔަށްދިޔަ ހަތިޔާރުގެ ވާދަވެރިކަން ކުޑަކުރުމަށް ޑި ކުއެލާ ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި އެވެ. އަދި 1988 ވަނަ އަހަރު ހަނގުރާމަ ހުއްޓާލުމަށް އީރާނާއި އިރާޤު އެއްބަސްވެ އެދެގައުމުން ޙަމަލާތައް ބަދަލުކުރުން ހުއްޓާލުމުގައި ޑި ކުއެލާ އަދާކުރެއްވި ދައުރު ވަރަށް ބޮޑެވެ.
މީގެ އިތުރުން 1986 ވަނަ އަހަރު ފޯކްލޭންޑް ޖަޒީރާތަކުގެ މައްސަލާގައި އިނގިރޭސިވިލާތުން އާޖެންޓީއާ ދެކޮޅަށް ކުރި ހަނގުރާމަ ހުއްޓުވުމަށް ވެސް ޑި ކުއެލާ ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ.
ޑި ކުއެލާގެ ޖަނާޒާ އޮންނާނީ މާދަމާގެ ވަގުތެއްގައި ކަމަށް ޕެރޫގެ ހާރިޖީ ވުޒާރާއިން ބުނެ އެވެ. (ނޫސްއެޖެންސީތައް)