ކުުށުގެ ރެކޯޑް ވަގުތުން ލިބޭގޮތަށް ހަދަން މަސައްކަތް ކުރަމުންދާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އިންފޮމޭޝަން ކޮމިޝަންގެ މުވައްޒަފުން ދުޅަހެޔޮ ބަޔަކަށް ވުމަށް މިއަދު ފެށި ޕްރޮގްރާމް، "ފިޓްއައިކޮމް" އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަމީމް ވިދާޅުވީ މައުލޫމާތުތައް ލިބުމުގައި ދަތިވާ ކަންތައްތައް މިހާރު އެބަހުރި ކަމަށެވެ.

"މިސާލަކަށް ކުށުގެ ރެކޯޑް ސާފުކުރުން. ދެން ހަމަ އެއްދުވަސް ނަގަން ޖެހޭނެކަމެއްކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މިބަލަނީ އެވެސް ވަގުތުން ކުށުގެ ރެކޯޑް ސާފުވާގޮތަށް އިންތިޒާމްތައް ހަމަޖައްސަން. އެންމެ ގިނައިން މީހުން ހިދުމަތަކަށް އެދޭ އެއްކަންތައް އެއީ،" ޝަމީމް ވިދާޅުވި އެވެ.

ކުރިން މީހެއްގެ މައްޗަށް ދައުވާއެއް ކުރާނަމަ އެމީހަކަށް ސިޓީއަކުން އެންގި ނަމަވެސް މިހާރު އޭގެ ބަދަލުގައި އެސްއެމްއެސްއަކުން އެ މައްސަލައާއި އެ މައްސަލަ އޮންނަ ކޯޓު ދައުވާ ލިބޭ މީހާއަށް ފޮނުވަން ފަށައިފައިވާ ކަަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"ދެން މިހާރު އަޅުގަނޑުމެން ފަށައިގެން މިއުޅެނީ މައްސަލަތަކުގައި އަނިޔާ ލިބޭމީހުންނަށްވެސް އެ މައްސަލަތަކުގެ ވާނުވާ އެންގުމުގެ ބައެއް. އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ މީހުންނަށް ކަންކަމުގައި ވާނުވާ އެނގުނީމަޔޭ އެމީހުންގެ ހިތުގައި ސިސްޓަމް ހިނގާކަން ޔަގީންވަނީ. އެ ސިސްޓަމުން ކޮންމެވެސް ކަމެއް ކުރާކަން އެ ކަށަވަރުވަނީ،" ޝަމީމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މައުލޫމާތު ހާމަކުރުމުގެ ކަންތައް މިހާރަށްވުރެވެސް އިތުރަށް ފުޅާކުރަން ޖެހޭ ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނުން މިއަދު ފެށި ފިޓްކޮމް ޕްރޮގްރާމާ ގުޅޭގޮތުން ޝަމީމް ވިދާޅުވީ ކަސްތަރުކުރަން އަލަށް ފައްޓަވާ ބޭފުޅުންނަށް ޔޯގާއަކީ ވަރަށް މުހިންމު ކަސްރަތެއް ކަަމަށާއި އޭނާވެސް ގަވައިދުން އެ ކަސްރަތުކުރާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޮންމެ ކަސްރަތެއް ކުރިޔަސް ވަކި ޓާގެޓެއް ކަނޑައަޅަން ޖެހޭ ކަމަށެވެ. އަދި ނަތީޖާ ނެރެވޭނީ އޭރުން ކަަން ފާހަގަކުރެއްވި އެވެ.

ޝަމީމް ވަނީ އޭނާ ގެންގުޅުއްވާ ތަސައްވުރާ ބެހޭގޮތުން ވެސް އަލިއަޅުވާލައްވައިފަ އެވެ.

"އަޅުގަނޑުގެ ތަސައްވުރަކީ އަށެއް ޖަހާއިރު އައިސް ތިނެއް ޖަހާއިރު ގެެއަށް ދިއުން. އަށެއް ޖަހާއިރު އަންނަންވިއްޔޭ ރަނގަޅަށް ސައިބޮއިގެން ކަސްތަރުކޮށްގެން ތައްޔާރުވެގެން އަށެއް ޖަހާއިރު ވަޑައިގެން ތިނެއް ޖަހާއިރު ގެއަށް ވަޑައިގަންނަވާށޭ. އޭގެ ފަހުން އޮފީހުގައި ނޫޅުއްވާށޭ. އޮފީހުގައި އުޅުއްވާ ގަޑީގައި ރަނގަޅަށް މަސައްކަތްކުރައްވާފައި ދެން އެހެން ގަޑިގަޑީގައި އޮފީހާމެދު ވެސް ނުވިސްނާށޭ." ޝަމީމް ވިދާޅުވި އެވެ.

އިންފޯމޭޝަން ކޮމިޝަނުން މިއަދު ފެށި ފިޓްއައިކޮމް ޕްރޮގްރާމްގެ ދަށުން އެ އޮފީހުގެ މުވައްޒަފުން ދުޅަހެޔޮ ބަޔަކަށް ހެދުމުގެ ގޮތުން ކަސްތަރުތައް ކުރުމަށް ޖިމްތަކާ ވާހަކަދެއްކުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެ އޮފީހުގައި މަސައްކަތްކުރާ 16 މުވައްޒަފުންވެސް އެ ޕްރޮގްރާމްގަައި ބައިވެރިވެ އެވެ.