ވޮޝިންޓަން (ޑިސެމްބަރު 10) : ޔޫރަޕްގެ އިއްތިހާދުގެ ޔޫރޯ ޒޯން ރޫޅި ޔޫރަޕްގައި ދާހިލީ ހަމަނުޖެހުންތަކެއް ފެށިދާނެ ކަމުގެ ބިރު އެމެރިކާ އިން އިހުސާސްކުރަމުން ގެންދާ ކަމަށް އެމެރިކާ ސިފައިންގެ ކޮމާންޑަރު ޖެނެރަލް މާޓިން ޑިމްޕްސީ ވިދާޅުވެއްޖެ އެވެ.

ވޮޝިންޓަންގެ އެޓްލާންޓިކް ކައުންސިލް އިންސްޓިޓިއުޓްގައި ވާހަކަ ދައްކަވަމުން ޑިންޕްސީ ވިދާޅުވީ ޔޫރޯ ޒޯންގެ ޤައުމުތަކުގެ އިގުތިސާދު، ދަރަނީގެ ސަބަބުން އިނދަޖެހިފައިވާއިރު ކައިރި މުސްތަގުބަލެއްގައި މިކަމުން މިގައުމުތައް ސަލާމަތްކުރެވޭނެ ކަމުގެ އުންމީދުވެސް ދަނީ ގެއްލެމުން ކަމަށެވެ.

ޔޫރޯ ޒޯން ރޫޅި އެޒޯންގެ ގައުމުތައް ދާހިލީ ހަމަނުޖެހުންތަކެއްގެ ތެރެއަށް ވެއްޓިދާނެކަމުގެ އިންޒާރު ދެއްވަމުން ޑިމްޕްސީ ވިދާޅުވީ ޔޫރޯ ޒޯންގެ ގައުމުތައް ވަނީ "ބޮޑުވެގެންވާ ނުރައްކަލެއްގެ" ތެރޭގައި ކަމަށެވެ.

ޔޫރަޕަކީ އެމެރިކާގެ ޖިޔޮޕޮލިޓިކަލް އަދި ސްޓްރެޓީޖިކް ސަރަހައްދަކަށްވާތީ އެމެރިކާގެ 80 ހާސް ސިފައިންނާއި 20 ހާސް މުވައްޒަފުން ޔޫރަޕްގައި ހަރަކާތްތެރިވަމުން ދެ އެވެ. ޔޫރޯ ޒޯން ރޫޅިދާނެކަމުގެ ހުރިހާ އަލާމަތްތަކެއް މިހާރު ފެންނަމުންދާ ކަމަށް ސްޓްރެޓީޖިކް ދިރާސާތައްކުރާ މުހައްލިލުން ވިދާޅުވެ އެވެ.

ޔޫރޯ ޒޯން ރޫޅިއްޖެނަމަ އެޒޯންގެ ގައުމުތަކުގައި ދާހިލީ ހަމަނުޖެހުންތައް ފެށި އިގުތިސާދީ ބިރުވެރިކަމެއް ކުރިމަތިވެ، ޔަގީންކަން ނެތުމުން ބޭންކްތަކުގައިވާ ފައިސާތައް ރައްޔިތުންނަގާ ހިސާބަށް ކަންތައްތައް ދިޔުމުގެ ބިރު އެބައޮތް ކަމަށް މުހައްލިލުން ދެކެ އެވެ. މިފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ ޔޫރަޕްގެ އިއްތިހާދު ވެސް ރޫޅިގެން ހިނގައިދާނެ ކަމަށް ފަރަންސޭސި ރައީސް ނިކޮލައި ސާކޯޒީ ދާދި ފަހުން ވަނީ އިޝާރާތް ކުރައްވާފަ އެވެ.

ޕެންޓަގަން އިން ގެންދަނީ ޖޮއިންޓް ސްޓްރައިކް އެފް 35 ގެ ނަމުގައި އަސްކަރީ މަތިންދާބޯޓުތައް އުފެއްދުމުގެ އެތައް ބިލިޔަން ޑޮލަރެއްގެ ބޮޑު އަސްކަރީ މަޝްރޫއެއް އިނގިރޭސީންނާއި ފަރަންސޭސީންނާ ގުޅިގެން ހިންގަމުންނެވެ. އެހެންކަމުން ޔޫރަޕް ހަމަނުޖެހުންތަކެއްގެ ތެރެއަށް ވެއްޓިއްޖެނަމަ އިގުތިސާދީ ގެއްލުންތަކުގެ އިތުރުން ދުނިޔޭގައި އެމެރިކާ އަދާކުރާ އަސްކަރީ ދައުރު ހަނިވެ އެމެރިކާގެ ބާރާއި ނުފޫޒަށް އާދަޔާ ހިލާފު ލޮޅުންތަކެއް އަރާނެ އެވެ.

އިގުތިސާދީ ކަމެއްގައި އެމެރިކާ ސިފައިންގެ ޗީފް އޮފް ސްޓާފް މިފަދަ ބަޔާނެއް ދެއްވުމަކީ ވަރަށް ނާދިރު ކަމެކެވެ. ޑިމްޕްސީ މިބަޔާން ދެއްވީ ޔޫރޯ ޒޯން ރޫޅި އެކަމުގެ ސްޓްރެޓީޖިކް ނުރައްކާ އެމެރިކާއަށް އޮތް މިންވަރުގެ ބޮޑުކަމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)