05 Mar 2020, 14:13
ކުރިއަށް އޮތް ސްކޫލު ބަންދުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދެފިއެވެ.
މިދުވަސްވަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުުންދާ ކޮވިޑް 19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަމާލުވުމަށް އިލްތިމާސްކޮށް އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ދަތުރަށް ފެށުމުގެ ކުރިން ަތުރުކުރާ ގައުމުގައި ބަލީގެ ހާލަތު އޮތްގޮތް ދެނެގަތުމަށް އިލްތިމާސް ކުރާ ކަމަށާއި ބަލި ފެތުރޭ ގައުމުތަކަށް ދަތުރު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަކަށް ބޭސްކުރަންޖެހޭ ބަލިތައް ހުންނަ މީހުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ މިދުވަސްވަރު ނުކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ދަތުރުކުރާ ގައުމެއްގެ ސަރުކާރުން ކޮވިޑް 19 އާއި ގުޅޭގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
މާދަމާއިން ފެށިގެން މިމަހުގެ 14 އާއި ހަމައަށް ފުރަތަމަ މިޑް ޓާމް ޗުއްޓީ ލިބޭނެއެވެ. ޗުއްޓީތަކާ ދިމާކޮށް ރާއްޖެއިން ބޭރަށް އެކި ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހިން ދަތުރު ކުރެއެވެ.
ނަމަވެސް، ގިނަ ގައުމުތަކެއްގައި ކޮވިޑް 19 ފެތުރެމުންދާއިރު ދުނިޔޭގެ ހުރހާ ގައުމަކުންވެސް ވަނީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް ފިޔަވަޅުތައް އަޅައިފައެވެ.
އެޗްޕީއޭ އިން ވަނީ ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު ސަމާލުވާންވީ ކަންތައްތައްވެސް އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ. އެގޮތުން ދަތުރުމަތީ އުޅޭއިރު ހުމާއި ރޯގާގެ އަލާމާތްތައް ފެންނަ މީހުންނާއި ކައިރިވެ ނޫޅުމަށާއި ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވެ، ސެނިޓައިޒާ ބޭނުންކުރުމަށާއި ދަތުރުމަތީ އުޅޭއިރު އަބަދުވެސް ހޭންޑް ސެނިޓައިޒާ ގެންގުޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން މޫނާއި ލޮލާއި އަނގައިގައި އަތްލައި ނުހެދުމަށާއި އެއްގަމު މަހާއި ސީފުޑް ރަނގަޅަށް ކައްކައިގެން ކެއުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.
އަދި ރާއްޖެއިން ބޭރުގައި އުޅޭއިރު ޖަނަވާރު ވިއްކާ ވެޓް މާކެޓްތަކަށް ނުދިޔުމަށާއި ދަތުރުމަތީ އުޅޭއިރު ހުން އައިސް ރޯގާ ޖެހިއްޖެނަމަ އެ ގައުމެއްގައި މިފަދަ އަލާމާތްތައް ފެންނަ މީހުން ސިއްހީ ހިދުމަތް ހޯދުމަށް އެ ގައުމެއްގެ ސަރުކާރުން އަންގާފައިވާ ގޮތަށް އަމަލުކުރުމަށާއި ދަތުރުކުރާ ގައުމުގެ ސަރުކާރުން ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އަންގާފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
ދަތުރުކޮށްފައި އެނބުރި ރާއްޖެ އައުމަށްފަހު، ދަތުރުން އަންނަތާ 14 ދުވަސް ތެރޭ ހުންއައިސް ރޯގާ ޖެހިއްޖެނަމަ ގޭގައި މަޑުކުުރުމަށާއި 1676 ހޮޓްލައިން އަށް ގުޅުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ. އެޗްޕީއޭ އިން ބުނީ ހޮޓްލައިނަށް ގުޅާއިރު ދަތުރުމުގެ މައުލޫމާތު ހިއްސާކުރަން އެދޭ ކަމަށެވެ.
މީގެ އިތުރުން ޗުއްޓީގައި ރާއްޖެތެރެއަށް ދަތުރުކުރާނަމަވެސް ގިނަ ގިނައިން ސައިބޯނި ލައިގެން އަތްދޮވެ، ރޯގާގެ އަލާމާތެއް ފެންނަނަމަ މީހުން އެއްވެ އުޅޭތަންތަނަށް ނުދިޔުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
އެ އިދާރާ އިން ބުނީ ކޮވިޑް19 ގެ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް ހަލުވި ކަމާއެކު ބަދަލުވަމުން ދާކަމަށާއި ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަރުތެއް ނޫނީ ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.